ޗެލްސީއަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރ މޭސަން މައުންޓް، މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލަން ޗެލްސީން އެއްބަސް ވެއްޖެއެވެ.
އަންނަ ސީޒަންގައި ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގައި ވާދަ ކުރުމަށް ޓީމް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މައުންޓަކީ މި ޓްރާންސްފާގައި މިހާތަނަށް ޔުނައިޓެޑާއި ގުޅުނު ފުރަތަމަ ކުޅުންތެރިޔާއެވެ. ޗެލްސީން މައުންޓް ވިއްކާލަން ނިންމާފައި މިވަނީ އޭނާ ޗެލްސީއާއި އެކު ހަދާފައިވާ އެއްބަސް ވުމުގައި ބާކީ އެއް އަހަރު އޮއްވައެވެ.
ޔުނައިޓެޑުން މައުންޓް ހޯދުމަށް ޗެލްސީއަށް ފުރަތަމަ ހުށަހެޅި ތިން ބިޑް ވެސް ޗެލްސީން ވަނީ ބަލައި ނުގަނެފައެވެ. ނަމަވެސް ތިންވަނަ ބިޑަށް ފަހު ކުރެވުނު މަޝްވަރާތަކަށް ފަހު އުމުރުން 24 އަހަރުގެ މައުންޓް ޔުނައިޓެޑަށް ވިއްކާލަން ޗެލްސީން އެއްބަސްވީ 60 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މައުންޓް ޔުނައިޓެޑާއި ގުޅެނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ވުމާއެކު އޭނާ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޔުނައިޓެޑްގައި މަޑުކުރާނެއެވެ.
މައުންޓަކީ ޗެލްސީގެ އެކަޑަމީ ތެރެއިން އައިސް ސީނިއާ ޓީމާއި ގުޅުން ކުޅުންތެރިއެކެވެ. ސީނިއާ ޓީމަށް ކުޅެން ފެށުމުގެ ކުރިން ލޯން އުސޫލުން ބައެއް ޓީމްތަކަށް ކުޅެފައިވެއެވެ. އޭނާ ޗެލްސީގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2019 ވަނަ އަހަރުއެވެ. އޭނާވަނީ ޗެލްސީއަށް 195 މެޗު ކުޅެދީ 33 ލަނޑު ޖަހައިދީފައެވެ.
މައުންޓް ޗެލްސީއާއިއެކު ހޯދާފައިވާ އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބަކީ 2021 ވަނަ އަހަރު ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމެވެ. މީގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސްޕަކަޕް އޭނާ ވަނީ ޗެލްސީއާއި އެކު ކާމިޔާބު ކޮށްފައެވެ.
މައުންޓް ވަނީ އިނގިރޭސި ގައުމީ ޓީމަށް 36 މެޗު ކުޅެދީ ފަސް ލަނޑު ޖަހާފައެވެ. މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕަށް އިންގްލެންޑުން އެކުލަވާލި ޓީމުގައި ވެސް މައުންޓް ވަނީ ހިމެނިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!