މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުން ރެލިގޭޓްވި ލެސްޓާ ސިޓީއަށް ކުޅެމުން އައި އިންގްލެންޑް މިޑްފީލްޑަރ ޖޭމްސް މެޑިސަން ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމާއި ގުޅިއްޖެއެވެ.
އުމުރުން 26 އަހަރުގެ މެޑިސަން ޓޮޓްންހަމާއި ގުޅިފައި މިވަނީ 46.3 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އޭނާ ޓޮޓެންހަމުގައި 2028 އަހަރުގެ ޖޫން މަހުގެ ނިޔަލަށް މަޑުކުރާނެއެވެ.
ލެސްޓާ ސިޓީއާއިއެކު އެފްއޭ ކަޕް ކާމިޔާބުކުރި މެޑިސަން އެ ޓީމާއި ގުޅިފައި ވަނީ 2018 ވަނަ އަހަރު ނޯވިޗް ސިޓީންނެވެ. އޭނާވަނީ ލެސްޓާއަށް 203 މެޗު ކުޅެ 55 ލަނޑު ޖަހައިދީފައެވެ.
މެޑިސަންއަކީ ޓޮޓެންހަމުން މި ޓްރާންސްފާ މާކެޓްގައި ހެދި ތިންވަނަ ޓްރާންސްފާއެވެ. އެ ޓީމުންވަނީ އިޓާލިއަން ލީގުގެ އެމްޕޯލީގެ ގޯލްކީޕަރު ވިކާރިއޯ ސޮއި ހޯދުމުގެ އިތުރުން ލޯނު އެއްބަސްވުމެއްގެ ދަށުން މިދިޔަ ސީޒަންގައި އެ ޓީމަށް ކުޅެމުންދިޔަ ސްވިޑަންގެ މިޑްފީލްޑަރު ޑެޖާން ކުލުސެވްސްކީގެ ޓްރާންސްފާ ވެސް ފުރިހަމަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!