އިންޑިއާ ކަޝްމީރުގެ އެންމެ ބޮޑު މިސްކިތުގައި ހުކުރު ނަމާދު ނުކުރެވޭތާ 4 މަސް ދުވަސްވެއްޖެކަމަށް ބޭރުގެ ހަބަރުތައް ބުނެފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ އޯގަސްޓު މަހު، އިންޑިއާ އިން އެ ޤައުމުގެ ޤާނޫނު އަސާސީން ކަޝްމީރަށް ލިބިދީފައިވާ އަމިއްލަ ވަންތަކަން އުވާލުމަށް ނިންމިފަހުން ކަޝްމީރުގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުން ވަނީ މަނާކޮށްފައެވެ.

Ad
rt

އެގައުމުގެ ސިފައިންވަނީ ހުކުރު ނަމާދުގެ އިތުރުން ދީނީގޮތުން އެއްވެސް ކަހަލަ ބައްދަލުވުމެއް ކަޝްމީރުގައި ބޭއްވުން މަނާކޮށްފައެވެ. މިހާރު ބޮޑެތި މިސްކިތްތަކުގައި ޖެހިޖެހިގެން 17 ހުކުރު ނުކުރެވި ހިނގައްޖެކަމަށް ކަޝްމީރުގެ ރައްޔިތުން ވަނީ މައުލޫމާތު ދީފައެވެ. މީގެ ކުރިންވެސް ކަޝްމީރުގެ ހާލަތު ގޯސް ވާއިރަށް އިންޑިއާ އިން މިފަދަ ފިޔަވަޅުތައް އަޅައެވެ. ނަމަވެސް މިފަހަރު މިއީ އެންމެ ދިގު މުއްދަތަކަށް ހުކުރު މިސްކިތްތައް ބަންދު ކުރިފަހަރެވެ.

މިސްކިތައް އެރުން މަނާކުރުމާއި ގުޅިގެން ކަޝްމީރުގެ ރައްޔިތުން ހުކުރު ނަމާދު ކުރަން ޖެހެނީ ކުދި މިސްކިތްތަކުގައި ވަކިވަކިންނެވެ. ބޮޑެތި މިސްކިތްތަކަށް ހުކުރު ކުރަން ދާން އުޅެފިނަމަ އިންޑިއާ ސިފައިން އަނިޔާކުރާކަމަށްވެއެވެ. މިސްކިތްތައް ބަންދު ކުރުމުގެ އިތުރުން އިންޑިއާ ސިފައިންވަނީ ގިނަ އަދަދަކަށް ދީނީ އިލްމުވެރިންވެސް ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ވަރަށް ގިނަ އަދަދަކަށް ޒުވާން ފިރިހެނުން، ކުޑަކުދިންވެސް ހިމެނޭގޮތަށް ހައްޔަރުކޮށް އަދި ބައެއް މީހުން މަރާލާފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

އިންޑިއާއިން ވަނީ މިދިޔަ އޯގަސްޓު މަސްތެރޭ އެ ޤައުމުގެ ޤާނޫނު އަސާސީ އިން ކަޝްމީރުގެ ރައްޔިތުންނަށް ލިބިދޭ އަމިއްލަ މިނިވަންކަމުގެ ހައިސިއްޔަތު ނިގުޅައިގެންފައެވެ. އަދި ކަޝްމީރާއި ޖަންމޫ ވަކިކޮށް އެއީ އިންޑިއާގެ މައި ސަރުކާރުން ހިންގާ ދެ ސަރަހައްދަށް ވަނީ ހަދާފައެވެ.