ޗެލްސީއަށް ކުޅެމުން އަންނަ ސެނަގާލްގެ ކީޕަރ އެޑުއާޑް މެންޑީ ސައުދީ ލީގުގެ އަލް އަހްލީއަށް ބަދަލުވެއްޖެއެވެ.

އުމުރުން 31 އަހަރުގެ މެންޑީ ޗެލްސީ ދޫކޮށް އަލް އަހްލީއަށް ބަދަލުވެފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އަލް އަހްލީގައި މަޑުކުރާނެއެވެ.

Ad
rt

މެންޑީއަކީ ޗެލްސީ ދޫކޮށް ސައުދީ ލީގާއި ގުޅުނު ތިންވަނަ ކުޅުންތެރިއާއެވެ. ޗެލްސީއަށް ކުޅުނު ސެނެގާލްގެ ޑިފެންޑަރ ކަލިދޫ ކުލިބާލީ ސައުދީ ލީގުގެ އަލް ހިލާލާއި ގުޅިފައިވާއިރު، ޗެލްސީއަށް ކުޅެމުން އައި ފްރާންސްގެ މިޑްފީލްޑަރ ކަންޓޭ ވަނީ ސައުދީ ލީގުގެ ޗެމްޕިއަން އަލް އިއްތިހާދާއި ގުޅިފައެވެ.

މެންޑީ ޗެލްސީއާއި ގުޅިފައި ވަނީ 2020 ވަނަ އަހަރު ފްރާންސް ލީގުގެ ރެނެސް އިންނެވެ. އޭނާ ވަނީ ޗެލްސީއާއިއެކު 2020/21 ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން އޭނާވަނީ ޗެލްސީއާއިއެކު ކުލަބް ވޯލްޑަ ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. މެންޑީވަނީ ޗެލްސީއަށް ކުޅެދިން 105 މެޗުގައި 49 މެޗުގައި ބައިކޮޅަށް ގޯލެއް ވައްދައިނުލައި ހިފަހައްޓާފައެވެ.

ޗެލްސީއާއި ގުޅުމަށް ފަހު މޮޅު ކުޅުމެއް ދެއްކި ނަމަވެސް މެންޑީގެ ފޯމް ދައްވެ ނިމިދިޔަ ސީޒަންގައި އޭނާއަށް ޗެލްސީގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުން ވީ އުންދަގޫ ކަމަކަށެވެ. އޭނާ މިދިޔަ ސީޒަންގައި ފުރަތަމަ އެގާރާގައި ހިމެނިގެން ޗެލްސީއަށް ކުޅެފައިވަނީ އެންމެ 10 މެޗެވެ.

ސެނެގާލުން 2022 ވަނަ އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދިއިރު އެ ޓީމްގެ ގޯލު ބަލަހައްޓާފައި ވަނީ ވެސް މެންޑީއެވެ. މިއީ ގައުމީ ޓީމާއިއެކު އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބީއެވެ.