ސައިކަލަކުން ޖެހި އެކްސިޑެންޓުވި މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މަޖީދީމަގު ރެޑްވޭވް ހިސާބުން ހިނގާފާ ދިޔަ މީހެއްގެ ގައިގާ ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 5:01 ހާއިރު، އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ހާދިސާގައި އެކްސިޑެންޓްވި ސައިކަލު ދުއްވާފައިވަނީ އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެއީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ވެސް ވިދާޅުވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.
މި ހާދިސާގައި އަނިޔާވެގެން ފަރުވާ ދެމުން އަންނަނީ 50 އަހަރުގެ މީހާއަކީ، މާލެ ސިޓީގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު، ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާގެ ބޭބެ ޢަލީ ހަފީޒް އަށް ކަމަށް މައުލޫމާތު ލިބިފަވެއެވެ. އަދި އޭނާ އަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!