އިޓާލިއަން ސީރިއާ ބީގެ ކުލަބެއް ކަމަށްވާ ސަމްޕްޑޯރިއާގެ އައު ކޯޗަކަށް ކުރިން ޔުވެންޓަސްއަށް ކޯޗުކޮށްދިން އަންދްރޭ ޕިރްލޯ ހަމަޖައްސައިފިއެވެ.

އުމުރުން 44 އަހަރުގެ ޕިރްލޯ ސަމްޕްޑޯރިއާ ކޯޗްކަމާއި ހަވާލުވެފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ. ސަމްޕްޑޯރިއާއަކީ މިދިޔަ ސީޒަންގައި އިޓާލިއަން ސީރިއާ އޭގައި ވާދަކުރި ޓީމެކެވެ. ނަމަވެސް ސީޒަންގެ މެދުތެރެއިން އެ ޓީމްގެ ކޯޗަކަށް ހަމަޖެއްސި ސްޓެންކޮވިޗްގެ އިރުޝާދުގެ ދަށުން ވެސް އެ ޓީމަށް ނަތީޖާ ނުނެރެވި އެ ޓީމުން ލީގު ނިންމާލީ ޕޮއިންޓް ތާވަލުގެ ފުލުގައި އޮވެއެވެ.

Ad
rt

ޕިރްލޯ ޔުވެންޓަސްއަށް އިރުޝާދު ދީފައިވަނީ 2020/21 ސީޒަންގައެވެ. އެ ސީޒަންގައި އޭނާ ވަނީ ޔުވެންޓަސްއާއިއެކު އިޓާލިއަން ކަޕްގެ އިތުރުން އިޓާލިއަން ސްޕަކަޕް ކާމިޔާބު ކޮށްފައެވެ. ނަމަވެސް އެ ސީޒަންގައި ޔުވެންޓަސް ނިންމާލީ ލީގުގެ ހަތަރުވަނާގައި އޮވެއެވެ. ޗެމްޕިއަންސް ލީގުގައި ވެސް މާ އެދެވޭ ނަތީޖާއެއް ނުނެރެވުމާއިއެކު އޭނާއަށް ޔުވެންޓަސްގެ ކޯޗުގެ މަގާމް ގެއްލުނެވެ.

އެއް އަހަރު ދުވަހު އެއްވެސް ޓީމަކާއި ހަވާލުނުވެ ހުރުމަށް ފަހު މިދިޔަ ސީޒަންގައި ޕިރްލޯ އިރުޝާދުދިނީ ތުރުކީ ލީގުގެ ފާތިހު ކަރާގުމްރުކުން އަށެވެ. ޕިރުލޯގެ ކޯޗުކަމުގައި އެ ޓީމްގެ ނަތީޖާތައް ވެސް މާ ރަނގަޅެއް ނޫނެވެ. އެ ޓީމް ލީގު ނިންމާލީ ތުރުކީ ލީގުގެ ހަތްވަނާގައި އޮވެއެވެ.

ކޯޗިން ކެރިއާގައި މާ ބޮޑެތި ކާމިޔާބީތަކެއް މިހާތަނަށް ހޯދިފައި ނުވިނަމަވެސް ޕިރްލޯ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީ ތަކެއް ހޯދާފައެވެ. އިޓަލީގެ އޭސީ މިލާނަށާއި ޔުވެންޓަސްއަށް ވެސް ކުޅުނު ޕިރްލޯ ވަނީ ޗެމްޕިއަންސް ލީގު ދެފަހަރެއްގެ މަތިން ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ އިޓާލިއަން ލީގު ހަފަހަރެއްގެ މަތިން ކާމިޔާބު ކޮށްފައެވެ. މި ފަހުން އިޓަލީ ދުއް އެންމެ މޮޅު އެއް މިޑްފީލްޑް ކުޅުންތެރިޔާގެ ގޮތުގައި ގިނަބަޔަކު ގަބޫލްކުރާ ޕިރްލޯ ފުޓްބޯޅަ ކުޅުން ހުއްޓާލީ 2017 ވަނަ އަހަރުއެވެ.

ޕިރްލޯ ވަނީ 2006 ވަނަ އަހަރު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އިޓަލީއާއި އެކު ކާމިޔާބު ކޮށްފައެވެ. އެ މުބާރާތުގައި ވެސް އިޓަލީ ޓީމް މެދުތެރޭ އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.