ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކޮރޭޝިއާގެ ތަޖުރިބާކާރު މިޑްފީލްޑަރ ލުކާ މޮޑްރިޗް ރެއާލުގައި އިތުރު އެއް އަހަރު މަޑުކުރަން ނިންމައި ކޮންޓްރެކްޓް އައުކޮށްފިއެވެ.

މޮޑްރިޗް ކުރިން ރެއާލާއިއެކު ހަދާފައިވާ އެއްބަސްވުން މި މަހުގެ ނިޔަލަށް ހަމަވާއިރު، އޭނާ މިވަނީ އިތުރު އެއް އަހަރު ރެއާލުގައި މަޑުކުރަން ނިންމާފައެވެ. އައު އެއްބަސްވުމުގެ ދަށުން އޭނާ 2024 އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރެއާލުގައި މަޑުކުރާނެއެވެ.

Ad
rt

މޮޑްރިޗްގެ އިތުރުން ރެއާލުން ވަނީ އެ ޓީމްގެ ތަޖުރިބާކާރު ޖަރުމަނު މިޑްފީލްޑަރ ޓޯނީ ކްރޫސްގެ އެއްބަސްވުން ވެސް އައުކޮށްފައެވެ. މީގެއިތުރުން ރެއާލުން އެއްބަސްވުން އައުކުރި ކުޅުންތެރިންގެ ތެރޭގައި ސެބާޔޯސްގެ އިތުރުން ނަޗޯ ފެނާންޑޭޒް ހިމެނެއެވެ.

އުމުރުން 37 އަހަރުގެ މޮޑްރިޗްއަކީ 2012 ވަނަ އަހަރު ޓޮޓެންހަމުން ރެއާލަށް ގެނައި ކުޅުންތެރިއެކެވެ. އޭނާވަނީ ރެއާލުގެ ޖޯޒީގައި މިހާތަނަށް 488 މެޗު ކުޅެ، ގިނަ ތަށިތަކެއް ރެއާލާއިއެކު ކާމިޔާބު ކޮށްފައެވެ. މިގޮތުން އޭނާވަނީ ޗެމްޕިއަންސް ލީގު ފަސްފަހަރު އަދި ލަލީގާ ތިންފަހަރު ކާމިޔާބު ކޮށްފައެވެ.

މޮޑްރިޗްގެ ކެޕްޓަންކަމުގެ ދަށުގައި ކޮރޭޝިއާއިން ވަނީ 2018 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލުގައި ކުޅެފައެވެ. އެ އަހަރު ބޮލެންޑިއޯ އެވޯޑް ވެސް ހޯދީ އޭނާއެވެ. މީގެ އިތުރުން އޭނާ ވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ލޯ މެޑެލް ހޯދާފައެވެ. އަދި ދާދި ފަހުން ނިމިގެންދިޔަ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ވެސް ކޮރޭޝިއާއިން ވަނީ ކުޅެފައެވެ.

މޮޑްރިޗަކީ ފާއިތުވި 11 ސީޒަންގައި ވެސް ރެއާލްގެ މެދުތެރޭ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.