ޗެލްސީއަށް ކުޅެމުންއައި ކޮރޭޝިއާގެ މިޑްފީލްޑަރ މަޓެއޯ ކޮވަސިޗް ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ބަދަލުވާން ނިންމައިފިއެވެ.
އުމުރުން 29 އަހަރުގެ ކޮވަސިޗް ސިޓީއަށް ބަދަލުވަނީ 30 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. ކޮވަސިޗް 2019 ވަނަ އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑުން ޗެލްސީއަށް ގެނައީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ފަހުން ޗެލްސީން ވަނީ އޭނާއާއިއެކު ދާއިމީ އެއްބަސްވުމެއް އެކުލަވާލާފައެވެ.
ފާއިތުވި ސީޒަންގައި ކޮވެސިޗް ވަނީ ޗެލްސީއަށް ހުރިހާ މުބާރާތެއް ހިމެނޭހެން 37 މެޗު ކުޅެދީފައެވެ. ކޮވެސިޗް ޗެލްސީއާއިއެކު ހޯދާފައިވާ އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބަކީ 2021 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ.
ކޮވެސިޗްއަކީ ކޮރޭސިއާގެ ގައުމީ ޓީމްގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ މިހާތަނަށް ކޮރޭޝިއާގެ ޖޯޒީގައި 95 މެޗު ކުޅެފައެވެ. ފާއިތުވި އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ތިންވަނަ ހޯދި ކޮރޭޝިއާ ޓީމްގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މީގެ އިތުރުން ފާއިތުވި ހަފްތާގައި ނިމިގެންދިޔަ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ސްޕެއިންއާއި ދެކޮޅަށް ކުޅުނު ކޮރޭޝިއާ ޓީމްގައި ވެސް އޭނާ ހިމެނެއެވެ.
ޕޮޗެޓީނޯއާއިއެކު އައު ސީޒަނަށް ޗެލްސީން ތައްޔާރުވަމުން އަންނައިރު ޗެލްސީގައި އޮތް ބޮޑު ސްކޮޑަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ޖަރުމަނުގެ ފޯވާޑް ކައި ހަވާޓްޒް އާސެނަލްއަށް އަދި ކަންޓޭ ސައުދީ ލީގުގެ ޗެމްޕިއަން އަލް އިއްތިހާދަށް ވިއްކާލަން ޗެލްސީން މިހާރު ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!