ބީއެމްއެލްއިން "ފޯލޫޕް" އާ ގުޅިގެން އަންހެން ކުދިންނަށް ހިންގި ކޯޑިން އެންޑް އިންޖިނިއަރިން ޕްރޮގުރާމް ނިންމާލައިފިއެވެ.

މިއީ މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން ބީއެމްއެލް އިން ލޯންޗުކުރި ޕްރޮގުރާމެކެވެ. މި ޕްރޮގްރާމް ނިންމި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ދީފައެވެ.

Ad
rt

ބީއެމްއެލް އިން ބުނިގޮތުގައި އެ ޕްރޮގްރާމަކީ އީޖާދީ ދުނިޔޭގައި އަންހެން ކުދިންނަށް އޮތް ފުރުސަތުތައް އިތުރުކޮށް، އެ ދާއިރާގައި އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ހިންގި ޕްރޮގްރާމެކެވެ.

ބީއެމްއެލްގެ ކޯޑިން އެންޑް އިންޖިނިއަރިން ޕްރޮގުރާމްގައި 12 އަހަރާއި 14 އަހަރުގެ 24 ކުދިން ބައިވެރިވިއެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުމާއި، ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުމާއި ބްލޫޓޫތު ކޮންޓްރޯލް ރޮބޮޓް ހެދުން ފަދަ ކަންތައްތައް ވަނީ ދަސްކޮށްދީފައެވެ.

16 ދުވަހުގެ މި ޕްރޮގުރާމުގައި ކިޔަވައިދިން ފޯލޫޕް ކޯޑިން އެކަޑަމީ އަކީ ރާއްޖޭގައި 2016 ވަނަ އަހަރުން ފެށިގެން ކޯޑިން އަދި އިލެކްޓޮރޯނިކް އިންޖިނިއަރިން ކިޔަވައިދެމުން އަންނަ އެކަޑަމީއެކެވެ. އެ އެކަޑަމީގައި ކުޑަކުދިންނަށް ހާއްސަ ކޯޑިންގެ ގިނަ ޕްރޮގުރާމުތަކެއް އަންނަނީ ހިންގަމުންނެވެ.