ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ރައްޔިތުންގެ މަޖިލީހަށް ހާޟިރު ކުރެއްވުމަށް ހުށަހަޅާފައިވާކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.
އެ ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕީޖީ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ރައީސް ޖަވާބުދެއްވަން ޖެހިވަޑައިގަންނަވާ މުހިންމު ސުވާލުތަކެއް އެބަހުރި ކަމަށެވެ.
އެހެންކަމުން އެމަނިކުފާނު މަޖިލީހަށް ހާޟިރު ކުރެއްވުމަށް މައިނޯރިޓީ ލީޑަރުގެ ހައިސިއްޔަތުން މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި އަދި އެކަން މަޖިީހަށް ހުށަހެޅުއްވީ މިއަދުކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ލީޑަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ ރައީސް ޖަވާބު ދެއްވަން ޖެހޭ ބޮޑެތި މައްސަލަތަކެއްގެ މައްޗަށް ހިމެނޭ 10 ސުވާލު އެބައޮތް ކަމަށާއި އެކަންތައްތައް އެހެން އޮއްވާ ސަރުކާރުން ނުފޫޒު ފޯރުވައިގެން މަޖިލީސް ތަޅުއަޅުވާފައިވުމަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އަނދިރި ދުވަހެއް ކަމަށެވެ.
"ތިންބާރު ވަކިވެފައި އޮތް ގައުމެއް ނޫން ކަން އޭގެން ދައްކައިދޭ، ގާނޫނީ ހުސްކަމެއްގެ ތެރޭގައި މި އޮތް އޮތުން ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަން ޖެހޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.
އެހެންކަމުން ރައީސް ސާލިހު ޒިންމާ އަދާނުކުރެއްވޭނަމަ އިސްތިއުފާ ދެއްވަން ޖެހޭކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޤާނޫނު އަސާސީގެ 98 އަދި 99 ވަނަ މާއްދާގެ ދަށުންނާއި ގާނޫނު އަސާސީގެ 20 ވަނަ މާއްދާގެ ދަށުން ވެސް ރައީސް ސާލިހު މަޖިލީހަށް ހާޟިރު ކުރެވޭނެ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީގެ މަޖިލީސް މެންބަރުން ވަނީ މިއަދު މަޖިލީހުގެ ތަޅުމަށް ވަދެ ބައެއް މެންބަރުންގެ ގޮނޑިތައް ނެރެ މަޖިލީހުގެ އިދާރާގެ ގޯތިތެރޭގައި ބަހައްޓާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!