ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުނު 200 ވަނަ މެޗުގައި ލަނޑުޖަހައި ޓީމް މޮޅުކޮށްދީފިއެވެ.

އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ގްރޫޕް ޖޭގައި ރޭ ޕޯޗުގަލްއާއި އައިސްލޭންޑް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޕޯޗުގަލްއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފަހު މިނެޓުގައި ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ. މި ލަނޑު ރޮނާލްޑޯ ކާމިޔާބު ކޮށްފައިވަނީ އެ ޓީމްގެ ގޮންސާލޯ އިނާސިއޯގެ އެހީތެރިކަމާއި އެކުގައެވެ. މިއީ ރޮނާލްޑޯ ޤައުމީ ޓީމަށް ޖަހައިދިން 123 ވަނަ ލަނޑެވެ. ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް މިވަގުތު އޮތީ އޭނާގެ އަތުގައެވެ.

Ad
rt

ގައުމީ ޓީމަށް އެންމެ ގިނަ މެޗް ކުޅުމުގެ ރެކޯޑް މިހާރު ވެސް އޮތީ އުމުރުން 38 އަހަރުގެ ރޮނާލްޑޯގެ އަތުގައެވެ. ރޭ އޭނާ ގައުމީ ޓީމަށް 200 ވަނަ މެޗު ކުޅެދިންއިރު، ރޭ މެޗުގެ ކުރިން އޭނާއަށް ވަނީ ގަނާސް ވޯލްޑް ރެކޯޑް ސެޓްފިކެޓް ވެސް ހަވާލުކޮށްފައެވެ.

ކުރިން ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮތީ ކުވެއިތުގެ ގައުމީ ޓީމަށް 196 މެޗު ކުޅެދިން ބަދުރް އަލް މުތަވާގެ އަތުގައެވެ. މި އަހަރުގެ މާޗު މަހު ރޮނާލްޑޯ ވަނީ 197 މެޗު ގައުމީ ޓީމަށް ކުޅެ އެ ރެކޯޑް މުގުރާލާފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ މިއީ ގަބޫލްކުރަން ދަތި ކާމިޔާބެއް ކަމަށާއި، އަދި މި ހާއްސަ މެޗުގައި ލަނޑުޖަހައި ޓީމް މޮޅުކޮށްދެވުމަކީ އަދި ހާއްސަ އުފަލެއްކަމުގައެވެ. ރޮނާލްޑޯ އިތުރަށް ބުނީ މި މެޗުގައި ޓީމަށް އެންމެ ރަނގަޅަށް ނުކުޅެވުނު ކަމަށާއި ނަމަވެސް މި މޮޅަކީ ޓީމަށް ހައްގު މޮޅެއް ކަމަށެވެ.

މިއީ ސައުދީގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅޭ 20 ވަނަ އަހަރެވެ. އޭނާ ފުރަތަމަ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެފައިވަނީ 2003 ވަނަ އަހަރުއެވެ.

ކުރިން ސްޕޯޓން ލިސްބަންއަށާއި، މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑްގެ އިތުރުން އިޓަލީގެ ޔުވެންޓަސްއަށް ވެސް ކުޅުނު ރޮނާލްޑޯ އޭނާގެ ކުލަބް ކެރިއާގައި ވެސް ވަނީ ގިނަ ކާމިޔާބީ ތަކެއް ހޯދާފައެވެ. އޭނާ ވަނީ ބޮލެންޑޯ އެވޯޑް ވެސް ފަސް ފަހަރު ކާމިޔާބު ކޮށްފައެވެ.

ކޮލިފައިންގައި މިހާތަނަށް ޕޯޗުގަލް ހަތަރު މެޗު ކުޅެފައިވާއިރު މި ހަތަރު މެޗުގައި ރޮނާލްޑޯ ވަނީ ފަސް ލަނޑު ޖަހާފައެވެ. މިވަގުތު 12 ޕޮއިންޓާއިއެކު ގްރޫޕް އެއްވަނާގައި އޮތީ ވެސް ޕޯޗުގަލްއެވެ.