ޖަރުމަނު ލީގުގެ އާރުބީ ލައިޕްޒިގް އަށް ކުޅެމުން އަންނަ ފްރާންސްގެ އިތުބާރު ފޯވާޑް ކްރިސްޓޮފަރ އެންކުންކޫ ޗެލްސީއަށް ބަދަލުވާން ނިންމައިފިއެވެ.
އުމުރުން 25 އަހަރުގެ އެންކުންކޫ ޗެލްސީއަށް ބަދަލުވަނީ 52 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. ޗެލްސީން ވަނީ އެންކުންކޫއާއިއެކު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއް އެކުލަވާލާފައެވެ. މި އެއްބަސްވުމުގެ ދަށުން އޭނާ ޗެލްސީގައި 2029 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް މަޑުކުރާނެއެވެ.
އެންކުންކޫ ވަނީ ނިމުނު ސީޒަންގައި ލައިޕްޒިގަށް ކުޅެދިން 38 މެޗުގައި 23 ލަނޑު ޖަހާފައެވެ. މީގެ ތެރެއިން 16 ލަނޑަކީ އޭނާ ޖަރުމަނު ލީގުގައި ކުޅުނު 25 މެޗުގައި ކާމިޔާބު ކޮށްފައިވާ ލަނޑުތަކެވެ.
އަންނަ ސީޒަންގައި ޗެލްސީގެ ކޯޗަކަށް ޓޮޓެންހަމާއި ޕީއެސްޖީއަށް އިރުޝާދުދިން ޕޮޗެޓީނޯ ހަމަޖައްސާފައިވާއިރު، މިއީ ޕޮޗެޓީނޯ ޗެލްސީއާއި ހަވާލުވީ ފަހުން އެ ޓީމުން ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ.
އެންކުންކޫ ވަނީ ކުރިން ޕީއެސްޖީއަށް ވެސް ކުޅެފައެވެ. ޕީއެސްޖީއާއިއެކު އޭނާ ވަނީ ލީގު-1 ގެ ޗެމްޕިއަންކަން ތިންފަހަރު ހޯދާފައެވެ. އަދި ފްރެންޗް ކަޕް ވެސް ދެ ފަހަރު ވަނީ ކާމިޔާބު ކޮށްފައެވެ. ޕީއެސްޖީގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު ލައިޕްޒިގާއި އޭނާ ގުޅުނީ 2019 ވަނަ އަހަރުއެވެ.
ލައިޕްޒިގްއަށް ބަދަލުވެ އެ ޓީމުގައި ވެސް އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ގޮތުން 2021/22 ސީޒަންގެ ޖަރުމަނު ލީގުގެ މޮޅު ކުޅުންތެރިޔާ ވެސް އޭނާ ވަނީ ހޯދާފައެވެ. ފާއިތުވި ދެ ސީޒަންގައި ޖަރުމަނު ކަޕް ވެސް ކާމިޔާބު ކޮށްފައި ވަނީ ލައިޕްޒިގުންނެވެ.
ފާއިތުވި އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ފްރާންސް ސްކޮޑަށް އޭނާ ނެގި ނަމަވެސް ފަރިތަކުރުންތަކުގައި އަނިޔާވެ އޭނާއަށް ވޯލްޑް ކަޕްގައި ކުޅެވޭގޮތެއް ނުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!