ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނަގަން ބުނާނީ އިހްލާސްތެރި ކަމެއް ނެތުމުން ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިހާރު ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ދެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެއްގެ މައްސަލަ އަނބުރާ ނެގުމަށް ނަޝީދު އެދިވަޑައިގަތުމާ ގުޅިގެންނެވެ.

Ad
rt

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެގުމާ ގުޅޭގޮތުން ގޮތެއް ނިންމަން ޖެހޭނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ކަމަށެވެ.

އެހެންނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ އެއްވެސް މެންބަރަކު ނަޝީދާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ނަގަން ވެސް އަދި އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރަން ވެސް ބޭނުން ނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވާއިރު، މަޖިލީހުގެ ރައީސަށް ރިޔާސަތު ނުބެލެހެއްޓޭނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިއަށްދާ ދުވަހަކު އެ ޖަލްސާގައި ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރަައީސަށް ރިޔާސަތު ނުބެލެހެއްޓެނީ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްދާ ދުވަހަކު ކަމަށެވެ.

އެހެންކަމުން ރިޔާސަތު ބެލެހެއްޓުމަށް ގަވާއިދު ހުރަސް ނާޅާކަން ފާހަގަކުރައްވައި މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެންނަން ދެން ކުރަން ޖެހޭނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.

ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން އެދެވޭނީ ވެސް ދައުރު ނިމުމުން ކަމަށާއި ނަމަވެސް ދައުރު ނިމުނު ކަމެއް ނުވަތަ ނޫން ކަމެއް ވެސް މިހާރު ސާފު ނުވާ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.