ފުލުހުންގެ ޗެކް ޕޮއިންޓަކަށް މަޑުކުރަން އެންގުމުން މަޑުނުކޮށް ސައިކަލުގައި ދިޔަ މީހަކު 21,000 ރުފިޔާއިން ޖޫރިމަނާކުރަން ހުކުމްކޮށްފި އެވެ.
ނ. ހޮޅުދޫ މީހެއްގެ މައްޗަށް އެ ހުކުމް އައީ އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަހަރުގެ އޭޕްރީލް މަހު ފުލުހުންނަށް މަގުމަތިން އޭނާ ފެނިގެން މަޑުކުރަން އެންގުމުން މަޑުނުކޮށް ދިއުމުންނެވެ.
އޭނާގެ މައްޗަށް ސާބިތުވީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެވެ.
އެރަށު ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މީހާގެ އަމިއްލަ އިއުތިރާފުން އެ ކުށް ސާބިތުވާ ކަމަށެވެ. އަދި ޖޫރިމަނާގެ އަދަބަކަށް އެ މީހާ އެދިފައިވާތީ 21,600ރ. އިން ޖޫރިމަނާކުރީ ކަމަށް ހުކުމުގައިވެ އެވެ. އެ ފައިސާ ދެ މަސް ތެރޭގައި ދައުލަތަށް ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.
ފުލުހުންގެ އެންގުމަށް މަޑުނުކޮށް ދިޔަ މީހުންނަށް ކުރިން ވެސް މިފަދަ ހުކުމްތައް އިއްވާފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!