ޖެނިން ސިޓީއަށް އިސްރާއީލު ސިފައިން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ހުޅަނގު އައްސޭރީގައި އޮންނަ ޖެނިން ސިޓީއަށް އިސްރާއީލު ސިފައިން އިއްޔެ ދިން ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ވިދާޅުވީ އިސްރާއީލްގެ އެ ހަމަލާތަކުގައި ކުޑަކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހުން މަރުވެފައިވާ ކަމަށާއި އެތައް ބަޔަކަށް ކުދި އަނިޔާވެފައިވާތީ، އެކަން ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

Ad
rt

އެ ބަޔާނުގައި އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި ތިބި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ހަތިޔާރު ނެތް އާންމުންނަށް އިސްރާއީލް ސިފައިން ބާރުގެ ބޭނުން ކުރަމުންދިއުމަކީ ދިވެހި ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން މެދުއިރުމަތީގައި ސުލްހަ ދެމި އޮންނާނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ދެ ދައުލަތަށް ހިމެނޭ ގޮތަށް ބަހާލައި ފަލަސްތީނުގެ ވެރިރަށް ކަމުގައި އިރުމަތީ ގުދުސް ހަމަޖެއްސުމުން ކަމަށް ސަރުކާރުން ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާ ދެކޮޅަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަބަދު ވެސް ތިބޭނެ ކަމަށް ވިދާޅޫވެފައި ވެއެވެ.

އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ތަކުރާރުކޮށް ހަމަލާދެމުން އަންނައިރު، އެމީހުންގެ ގެދޮރަށާއި މުދަލަށް ގެއްލުންވުމުގެ އިތުރުން އެތައް ރައްޔިތުންނެއް ވަނީ އެ ހަމަލާތަކުގައި މަރުވެފައެވެ.