ސްޓެލްކޯ އިން ވިސްނަނީ ލިބޭ ފައިދާއަކަށް ނޫން ކަމަށާއި އިހްލާސްތެރި ހިދުމަތެއް ދިނުމަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެ ކުންފުންޏަށް 26 އަހަރު ފުރުމުގެ މުނާސަބާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ސްޓެލްކޯ އިން ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލެއް ނުކުރާނެކަން ވިދާޅުވަމުން ގެންދަވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.

Ad
rt

ޝަރީފް ވިދާޅުވީ ބޭނުން ނުކުރާ ކަރަންޓަކަށް ކުރިންވެސް، މިހާރު ވެސް އަދި ކުރިމަގުގައި ވެސް އެ ކުންފުނިން ބިލު ނުކުރާނެ ކަމަށެވެ.

އޭނާ މިފަދައިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ބޭނުން ނުކުރާ ކަރަންޓަށް ބިލުކޮށްފައިވާ ކަމަށް ބުނެ ސްޓެލްކޯއާއި ކުންފުނީގެ މުވައްޒަފުންނަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެންނެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އެ ޝަކުވާއަށް ހައްލެއް ހޯދުމުގެ ގޮތުން ގޭގޭގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި އޭރުން ކޮންމެ ކަސްޓަމަރަކަށް ވެސް އެ ގޭގައި ބޭނުންކުރާ ކަރަންޓުގެ ތަފްސީލު ބަލައިލެވޭނެ ކަމަށެވެ.

އޭރުން ކޮންމެ ދުވަހަކު ނުވަތަ ކޮންމެ މަހަކު އަދި ވޭތުވެދިޔަ އަހަރުތަކުގައި ބޭނުންކުރެވުނު ކަރަންޓުގެ މިންވަރު އެނގި, ކަރަންޓު ބޭނުންކުރާ މިންވަރު މައްޗަށްދާ މިންވަރާއި ދަށަށްދާ މިންވަރު އެނގެން ހުންނާނެ ކަމަށާއި ކަސްޓަމަރަށް އެކަން ބަލައިލެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ ގޭބިސީއަކަށް ކަރަންޓު ހަރަދުވާ އެވްރެޖް މިންވަރެއް ކަނޑައެޅުމަށްފަހު، އެ މިންވަރަށްވުރެ މައްޗަށްދާ ނަމަ އެކަން އެންގުމަށްޓަކައި ކަސްޓަމަރަށް އޮޓަމެޓިކުން މެސެޖެއްދާ ގޮތަށް ވަސީލަތްތައް ގާއިމުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.