ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ގްރޫޕް ބީގައި ރޭ ގްރީސްއާއި ފްރާންސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ފްރާންސުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.

ކޮލިފައިންގައި ފްރާންސުން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު އެ ޓީމުން ވަނީ ހަތަރު މެޗު ވެސް ކާމިޔާބު ކޮށްފައެވެ. ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއިއެކު ގްރޫޕް ބީގެ އެއްވަނާގައި އޮތީ ވެސް ފްރާންސެވެ.

Ad
rt

ރޭ މެޗުގައި ފްރާންސުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އެމްބާޕޭއެވެ. އެމްބާޕޭ ފުރަތަމަ ފޮނުވާލި ޕެނަލްޓީ ގްރީސްގެ ކީޕަރު މަތަކުރި ނަމަވެސް އެ ޕެނަލްޓީ ޖެހުމުގެ ކުރިން ގްރީސްގެ ކުޅުންތެރިއަކު އޭރިއާތެރެއަށް ވަނުމުން ރެފްރީ ވަނީ އެ ޕެނަލްޓީ އަލުން ޖަހުވާފައެވެ. ދެވަނަ ފަހަރު އެމްބާޕޭ ވަނީ ޕެނަލްޓީ ކާމިޔާބުކޮށް ފްރާންސަށް ލީޑު ހޯދައިދީފައެވެ. މި ޕެނަލްޓީ ފްރާންސަށް ލިބުނީ ގްރީސްގެ އޭރިއާތެރެއިން އެ ޓީމްގެ ކީޕަރު ފްރާންސްގެ ގްރީޒްމަންއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

ގްރީސް އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ފްރާންސްގެ ފޯވާޑް މުއާނީއަށް ގްރީސްގެ ކީޕަރު ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ މެޗުގެ 69 ވަނަ މިނެޓުގައި ކީޕަރަށް ރަތް ކާޑު ދައްކާފައެވެ.

މި ގްރޫޕުގައި ރޭ ރިޕަބްލިކް އޮފް އަޔަލޭންޑު ވަނީ ޖިބްރޯލްޓާ އަތުން 3-0 އިން އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު މޮޅުވެފައެވެ.

މި ގްރޫޕްގެ ދެވަނާގައި ތިން މެޗުން ލިބުނު ހަ ޕޮއިންޓާއިއެކު އޮތީ ގްރީސް އެވެ. ތިންވަނާގައި ތިން މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު އަޔަލެންޑް އޮތްއިރު ހަތަރުވަނާގައި އޮތީ ނެދަލެންޑްސްއެވެ. ފުލުގައި އޮތީ ގިބްރާލްޓާއެވެ.