ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމެނޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުން މިއަދު މަޖިލީހަށް ފޮނުވައިފި އެވެ.
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ އެ ތިން މަގާމުގެ ބޭފުޅުން ޖޭއެސްސީގައި ނުހިމެނޭ ގޮތް ހަދައި މެންބަރުންގެ އަދަދަކީ 7 ކަމަށް ހަމަޖެއްސުމަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރާއިރު ގެންނަ މައިގަނޑު ބަދަލު ކަމަށެވެ.
"މިގޮތަށް ހުށަހެޅީ ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި މިކަންކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުއީ ދާއިރާ އާއި އެ ނޫން ވެސް ފަރާތްތަކާއި ގާނޫނީ ފަންނުގެ ދާއިރާ އާއި މަދަނީ ޖަމިއްޔާތަކާއި އާންމުންގެ ޚިޔާލާއި މަަޝްވަރާގެ އަލީގައި،" ބަންޑާރަ ނައިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
ބަންޑާރަ ނައިބު ރިފްއަތު ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ވައުދު ފުއްދިއްޖެ އެވެ.
"މިއަދުގެ ދެ ބިލާ އެކު މި އިސްލާހީ މަސައްކަތް ފުރިހަމަކުރެވިއްޖެ،" ބަންޑާރަ ނައިބުގެ ޓްވީޓްގައިވެ އެވެ.
ޖޭއެސްސީ މިހާރު އެކުލެވިގެން ވަނީ މަޖިލީހުގެ ރައީސާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައިކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރަކާއި ބަންޑާރަނައިބު އަދި ގާނޫނީ ވަކީލަކު ހިމެނޭ ގޮތަށެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަން ލަސްވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މީގެ ކުރިން އެކި ފަހަރުމަތިން ވަނީ ޖޭއެސްސީ ބަދަލުކުރުމަށް މަޖިލީހަށް ހުށަހަޅައިފަ އެވެ. އެކަމަކު އެއިން އެއްވެސް ހުށަހެޅުމެއް ބަލައެއް ނުގަނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!