އަދާލަތު ޕާޓީ މިހާރު އާދެވިފައިވާ ހިސާބުން ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ދައުރަކީ މުހިންމު ދައުރެއް ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނާއި ގުޅޭގޮތުން ޕާޓީގެ މެންބަރުންނާ މަޝްވަރާކުރެއްވުމަށް ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ އެޕާޓީއޭއެކު ރައްޔިތުން ތިބޭނީ އެ އިންތިޚާބުގައި އެޕާޓީގެ އަމާޒާއި މަގުސަދު ބަޔާންކޮށްދެވުނުވަރަކަށް ކަމަށެވެ. އެހެންކަމުން އެންމެން އެކުގައި މަސައްކަތުގައި ބައިވެރިވުން ވަރަށް މުހިންމު ކަމުގައި ވިދާޅުވިއެވެ.
މިއީ ވަަރަށް ޗެލެންޖުބޮޑު މަސައްކަތެއް ކަމަށާއި މިކަމުގެ ހަގީގަތް ވެސް އެނގިއްޖެ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ނަތީޖާއަކާއި ހަމައަށް ދެވޭނީ ބޮޑެތި ގޮންޖެހުންތަކާއެކުގައި ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށާއި މިގައުމުގައިި ވެރިކަން ކުރަންވާނީ އިސްލާމީ ހަމަތަކާއި ނިޒާމުގެ ތެރެއިން ކަމަށެވެ. އެކަމަކު އެއީ ހަމަވަވާނެކަމެއް ނޫން ކަމަށާއި އެއީ ބަޔަކު ކުރާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
"އެއީ ބަޔަަކު ކުރަންވާނެ ކަމެއް. ބަޔަކު އުފައްދާނެ ކަމެއް. ބަޔަކު އެކަން ބިނާކުރަން ޖެހޭކަމެއް. މިއަދުގެ މި ޖީލުގަ އަޅުގަނޑުމެންގެ މި ހަޔާތުގެ ދުވަސްކޮޅުގަ އެ ޒިންމާ ނަގައިގެން ތިބީ އަޅުގަނޑުމެން. އަޅުގަނޑުމެން އެކަން ނުކޮށްފިނަމަ، އަޅުގަނޑުމެން ﷲ އާ ބައްދަލުކުރާއިރު، އަޅުގަނޑުމެން އެ ދައުރު އަދާކުރިކަމުގެ ޖަވާބެއް ނުދެވޭނެ." އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވަނީ ކުރިއާ އަޅާބަލާއިރު، ރާއްޖޭގައި ދީނީ އިލްމުވެރިންގެ އަދަދު މާބޮޑަށް ވެސް އިތުރުކަން ފާހަގަކުރައްވައި، އެ އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ، ނުހަނުބޮޑު ބަދަލެއް ގެނެވޭނެކަން ފާހަގަކުރައްވާފައެވެ. އަދި މިއަދު އޮތް އެންމު މުހިންމު ގޮންޖެހުމަކީ އެއީ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންނަމަވެސް މިއީ މި ގޮންޖެހުންތަކާއެކުގައި އަދާލަތު ޕާޓީ 18 އަހަރު ވޭތުކުރެވުނުގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅަންވީ ވަގުތު ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!