ރާއްޖެ އިސްލާމްވިތާ ގާތްގަޑަކަށް 900 އަހަރުވާން އަންނައިރު، ވޭތުވެދިޔަ ފަންސަވީހަށް އަހަރަށްވުރެ ބޮޑަށް ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އުފެދި، ދީނީ އިލްމުވެރިން ގިނަ ދުވަސްވަރެއް ނާންނަކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނާ ގުޅޭގޮތުން ޕާޓީގެ މެންބަރުންނާ މަޝްވަރާކުރެއްވުމަށް ބޭއްވި ޖަލްސާގައިދެެއްކެވި ވާހަކަފުޅުގައެވެ.
އިމްރާން ވިދާޅުވީ އޭގެތެރެއިން 18 އަހަރުދުވަހުގެ ތެރޭގައި ރާއްޖެއަށް އައި މުހިންމު ބަދަލުތައް ގެނައުމުގައި އަދާލަތު ޕާޓީގެ ދައުރަކީ އެކަން ގާތުން ބަލައި، ވިސްނާ ފުކުރުކުރާ ބަޔަކަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.
2005 ވަނަ އަހަރު ރާއްޖެއަށް އައި ސިޔާސީ ބޮޑެތި ބަދަލުތަކާއެކު، އަދާލަތު ޕާޓީ އުފެއްދެވި ބޭފުޅުންގެ ވިސްނުމުގެ ތެރޭގައި، އެ ޕާޓީ މިހައިހިސާބަށް އަތުވެދާނެކަމަށް ރަސައްވުރުވެސް ނުކުރައްވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އެހެންނަމަވެސް އެޕާޓީގައި ވަރަށް އިޚްލާސްތެރި ނިޔަތެއް އޮތް ކަމަށާއި އެއީ ރާއްޖެ އިސްލާހު ކުރުމުގެ ހެޔޮ ވިސްނުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނަށް ޚިދުމަތް ކުރުމުގެ ވަރުގަދަ އަޒުމު އޮތް ކަމަށާއި މިއަދާއި ހަމައަށް އެގޮތުގައި މިއާދެވުނީ އެގޮތުގައި ތިބުމުން ކަމަށެވެ.
ވޭތުވެދިޔަ ރިޔާސީ 3 އިންތިޚާބުގައި ވެސް ވިސްނުން ބައްޓަން ކުރަމުން އައީ އަދާލަތު ޕާޓީގެ އަމާޒަށް ދިއުމަށްޓަކައި އެވަގުތަކު އަދާކުރެވެން އޮތް ދައުރު އެންމެފުޅާގޮތަކަށް އަދާކުރެވޭނެ މަގު ކޮށުން ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. އަދި އިސްލާހީ މަސައްކަތް ކުރާއިރު، އެމަސައްކަތަށް މަގުފަހިވާނެ، އެކަން ކުރެވޭނެ މަގު ކޮށުމަކީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހަދަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ 2005 ގައި ސިޔާސީ ޕާޓީތައް އުފެދި، އަންނަމުންދާ ބަދަލުތަކުގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި އިސްލާހީ ހަރަކާތް އެއްދުވަހުން އަނެއްދުވަހަށް ކުރިއަރަމުން ގެންދިއުމުގައި އެންމެމުހިންމު ކަމަކަށް އޮތީ، ޚާއްސަކޮށް އިލްމުވެރިންގެ އެއް ވިސްނުމެއްގެ އެއްގޮތެއްގައި ސާބިތުވެތިބުން ކަމަށެވެ.
"އެބޭފުޅުންގެ ފަހަތުގަ އެންމެން އެކަތިގަނޑެއްގެ ގޮތުގަ ސާބިތުވެތިބުން. އެކަން އެގޮތަށް ކުރެވުނީމަ އަޅުގަނޑުމެންގެ ރާއްޖެއަށް ހެޔޮ ބަދަލު އަންނާނީ. އަޅުގަނޑުމެންގެ ރާއްޖެ އިސްލާހު ވާނީ." އިމްރާން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމެއްގެ ވެސް އަދި ޕާޓީއެއްގެ ހަޔާތުގައި ވެސް 10 އަހަރަކީ ވަރަށްކުޑަ އެއްޗެއް ކަމަށާއި އިންސާނުން ދުނިޔޭގެ ހަޔާތް ވޭތުކުރަމުންދާއިރު، އެ ހަޔާތުގެ ތެރޭގައި ގައުމެއްގެ އަދި މުޖުތަމައެއްގެ ހައިސިއްޔަތުން ބަދަލުތަކެއް އަންނަނީ ގާތްގަޑަކަށް 25 އަހަރާއި 50 އަހަރާއި ދޭތެރޭ ކަމަށެވެ.
އަދާލާތު ޕާޓީ އުފައްދައިގެން 18 އަހަރުވީއިރު، އެ ޕާޓީ ވަނީ ރާއްޖެއާއެކުގައި މުހިންމު މަރުހަލާއެއްގައި މުހިންމު ދަތުރެއް ކޮށްފައި ކަމަށާއި މިދަތުރުގައި ރާއްޖެއަށް އަންނަ އަދި ގެނެވޭ ބަދަލުތަކާއި އެބަދަލުތައް ގެނައުމުގައި އެޕާޓީން އަދާކުރާ ދައުރާއި މެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!