ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެއިން ފުރާވަޑައިގެންފިއެވެ.
އެ ދެ ކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވުމުން ރާއްޖެއިން ރަސްމީގޮތުން މަރުޙަބާ ވިދާޅުވީ ރައީސްގެ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.
މި ދަތުރުފުޅުގައި ދެގައުމުގެ ލީޑަރުން ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ވަނީ ބާއްވަވާފައެވެ. އަދި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް ބަދަލުކުރައްވާފައިވާއިރު، ދެގައުމުގެ ލީޑަރުން މީޑިޔާއާ ބައްދަލުކުރައްވައި ގުޅިފައިވާ ބަޔާންނެއް ދެއްވާފައިވެއެވެ.
ސޭޝެލްސްގެ ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ރައީސް ސާލިހުގެ ދެކަނބަނލުން ވަނީ މެންދުރުގެ ފަރިއްކޮޅެއް ވެސް ދެއްވާފައެވެ.
މި ފަރިއްކޮޅުގެ ކުރިން ރައީސް ސާލިހުގެ އަނބިކަނބަލުން ވަނީ ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުންނާ ބައްދަލުކުރައްވާފައެވެ. އަދި އެ ދެބޭފުޅުން ވަނީ ހުޅުމާލޭގައި ހުންނަ ދައުލަތުގެ ފަރާތުން ބަލަހައްޓާކުޑަކުދިން ތިބޭ މަރުކަޒު "ފިޔަވަތި"އަށް ޒިޔާރަތްކުރައްވާފައެވެ.
ސޭޝެލްސްގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ނައިބު ރައީސް ފައިސަލް ނަސީމު ވަނީ ސޭޝޭލްސްގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.
މި ފުރަމާނަ ދަރުފުޅުގެ ނިމުން ފާހަގަކޮށް ދެގައުމު ގުޅިގެން، ޖޮއިންޓް ކޮމިއުނިކޭއެއް ނެރެފައިވާއިރު، ދެ ގައުމުގެ އެކުވެރިކަމުގެ ގުޅުން އެގޮތުގައި ކުރިޔަށްގެންދިއުމާއި ދެ ގައުމަށް ވެސް ފައިދާހުރި ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރަމުން ގެންދާނެކަން ފާހަގަކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!