ރިޝްވަތު ނުވަތަ ކޮރަޕްޝަނަކީ ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން، ނުރައްކާ އެންމެ ބޮޑު އަދި ފިލުވައިލަން އެންމެ އުނދަގޫ އެއްވަބާއެވެ. މިއީ ޤައުމުގެ ތަރައްޤީއަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ.

ރިޝްވަތު ދިނުމާއި، ހިފުމާއި، ބޭނުން ކުރުމާއި، އޭގެ މަންފާ އިން ހޯދާ އާމްދަނީ އާއި ގުޅޭގޮތުން އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތްތަކާއި ތަރައްގީއަށް ހުރި ހުރަސް ތަކާއި ބެހޭގޮތުން މިއަދު ވިސަނާލަން ޖެހެއެވެ.

Ad
rt

ރިޝްވަތުގެ ސަބަބުން މުޖުތަމަޢުގެ އަމަން އަމާންކަމައީ ހަމަހަމަކަން ވަނީ ގެއްލިފައެވެ. އެތައް ބަޔަކަށް ލިބެންޖެހޭ ޙައްޤުތައް ނުލިބި، ނުޙައްޤުން އެތައް ބަޔަކަށް އެ އެއްޗެހި ލިބެމުންދާކަމަށް މިއަދު މިވަނީ އަޑު ފެތުރިފައެވެ. އަދި އެތައް ބައެއްގެ ކަންތައްތައް އެތައް ދުވަސްތަކަކަށް ލަސްވެގެންދާއިރު، އަނެއް ބައެއްގެ ކަންތައްތައް ވަރަށް އަވަހަށް ދުވަހުން ދުވަހަށް ނިމިގެންދާކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. މިއީ އޭގެ ސަބަބުން މުޖުތަމަޢު ހަލާކުގެތެރެއަށް ވެއްޓި، ޤައުމުގެ ތަރައްޤީގެ ދުވެލި މަޑުޖެހި، ކުރިއަރައިގެން ދިއުމަށް ހުރަސްއެޅޭ ކަމެކެވެ.

ރިޝްވަތާއި ނާޖާއީރު ފައިދާއާއި، ޙިޔާނާތުގެ ޢަމަލުތައް މުޖުތަމަޢުގައި ގިނަވެ، އެކަންކަމަކީ ވަރަށް އާދައިގެ ކަންތައްކަމުގައި ދުށުމަކީ، ޤައުމުގެ މުސްތަޤުބަލާއި ދަރިންގެ ކުރިއެރުމާއި ތަރައްޤީ، އަރައިނުގަނެވޭ ފަދަ ވަޅުގަނޑަކަށް ވެއްޓިދާނެ ކަމެކެވެ.

ކޮންމެ މީހަކުވެސް އެމިހަކާއި ޙަވާލުކުރެވިފައިވާ ކަމެއްގައި ތެދުވެރިކާމާއި އަމާނަތްތެރިވުމަކީ އިސްލާމްދީނުގައި ވާޖިބު ކުރައްވާފައިވާ ކަމެކެވެ. ޤަވާއިދާ ޙިލާފަށް ކަންކަން ކުރުވުމަށް ނުވަތަ ނިންމުމަށް ފައިސާއާއި ތަކެއްޗާއި، ކެއުމާއި ސައިވެސް ދިނުމަކީ ރިޝްވަތުގެ ގޮތުގައި ބެލޭނެކަމެކެވެ. އޭގެ އިތުރުން ތިމާގެ ނުފޫޒު ބޭނުންކޮށްގެން ނުޙައްޤުން ކަންކަމާއި މަންފާއާއި، ރައްޔިތުންނަށް ނުވަތަ ދައުލަތައް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމަކީވެސް ރިޝްވަތުކަމުގައި ބެލެވެއެވެ.

ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމާއި، ކަންކަމުގައި ނާޖާއިޒު ފައިދާ ހޯދުމާއި، ޚިޔާނާތްތެރިވުމާއި، މަކަރާއި ޙީލަތްހެދުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފަތަކެކެވެ. މަކަރާއި ޙީލަތް ހެދުމަކީ، އަނެކާއަށް ހަޤީޤަތް އޮޅުވާލައިގެން، ތިމާއަށް ފައިދާއެއް ހޯދުމަށްޓަކައި އަނެކާއަށް ގެއްލުމެއް ލިބޭގޮތަށް ކުރާ ކޮންމެކަމެކެވެ. ތިމާއަށް ނުވަތަ އެހެން މީހަކަށް ފައިދާއެއް ހޯދައިދިނުމަށް، ނުވަތަ ތިމާ އެފަދަ ފައިދާއެއް ހޯދުމަށް، ތިމާގެ ޙަވާލުގައި އެކިއެކި ލިޔުންތައް ބަދަލުކޮށް އޮޅުވާލުމަކީވެސް، ދީނުގައި ނަހީ ކުރައްވާފައިވާ ޢަމަލެކެވެ.

ރިޝްވަތުގެ ސަބަބުން ވަގުތީ ޙައްލެއް ނުވަތަ އުފަލެއް ލިބުނު ނަމަވެސް، ރިޝްވަތުގެ މުޢާމަލާތްތައް ހިންގާ މީހުނަށް ލިބޭ ގެއްލުމާއި ހަލާކު މާ ބޮޑުވާނެ އެވެ. އަމާނާތްތެރިވުމާއި ތެދުވެރިވުމާއި އަދި ޢަހުދަށް ވަފާތެރިވުމަކީ މާތްﷲގެ ރުހިވޮޑިގަތުމާއި، އާޚިރަތުގެ ބާއްޖަވެރިކަން ލިބިގެންވާ ރިވެތި އަޚްލާޤީ ސިފަތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ.