ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްނަމަ އެކަން ކުރާނީ ގާނޫނުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެއް ނައިބު ރައީސް، ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުންއަންނަ އެލަވަންސް، ޖޫން މަހުން ފެށިގެން ގިންތިތަކެއް ހަދައި ބޮޑުކޮށްފައިވާ ކަމަށް ސަރުކާރުން އިއްޔެ ވަނީ ޢިއުލާން ކުރައްވާފައެވެ.
އެކަމާއި ގުޅިގެން އުޝާމް މީސް މީޑިއާގައި ވިދާޅުވީ، އެ ކަމަކީ ގާނޫނު އިސްލާހުކޮށްގެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
’’އެލަވަންސް ބޮޑުކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްނަމަ، މިގާނޫނު އިސްލާހުކުރުމަށް މީގެ 4 އަހަރުކުރިން 2019 ވަނަ އަހަރު އެމްއެންޕީގެ ރައީސް ނާޒިމް މަޖިލީހަށް ހުށަހެޅި ބިލު ފާސްކުރީސް’’ އުޝާމް ވިދާޅުވެފަވެއެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ގާނޫނު އިސްލާހުނުކުރުމުގެ ނަތީޖާއަކީ އިތުރުކުރި އެލަވަންސް ދިނުން ސަރުކާރުން ބޭނުންއިރަކު ހުއްޓާލުމުގެ ފުރުސަތު އޮތުން ކަމަށެވެ.
މި އިނާޔަތަށް ޤާނޫނުން ބަދަލުގެނައުމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް ނާޒިމް ވަނީ 26 ޖޫން 2019 ގައި މަޖިލީހަށް ހުށަހަޅުއްވާފައެވެ.
މަޖިލީހުގައި ސްޕާ މެޖޯރިޓީ އޮތް އެމްޑީޕީގެ މަދަދުނުލިބުމުން ކުރިއަށް ނުގެންދެވުނު މި ބިލްގައި އޮތީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް 5 ހާހާއި 7 ދެމެދު އަދަދަށް ބޮޑު ކުރުމަށް ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!