ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވިނަރެސް ހައުސިން މަޝްރޫއުން ފުލެޓް ދޫކުރުމަށް އެއްބަސްވުމުގައި ސޮއިކުރަން ފަށައިފިއެވެ.

ވިނަރެސް އިން ހައުސިން ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ގުޅީފަޅު، ސީލައިފް އަދި ހިޔާ ފްލެޓުން ލިބުނު ޔުނިޓު ދޫކޮށްލި ފަރާތްތަކަށާއި، އާންމުންގެ ތެރެއިން ހޮވޭ ފަރާތްތަކަށެވެ. މީގެ ތެރެއިން ގުޅީފަޅު ކަސްޓަމަރުންނަށް ލިބޭ ހައުސިން ޔުނިޓުތަކުގެ އެގްރީމަންޓުގައި ސޮއިކުރުން މިއަދު ފަށާފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ.

Ad
rt

އާބަންކޯއިން ބުނެފައިވާ ގޮތުގައި ގުޅީފަޅު ކަސްޓަމަރުންނަށް ޖުމްލަ 100 ހައުސިން ޔުނިޓު ލިބޭ އިރު ދުވާލަކު 25 އެގްރީމަންޓުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަން ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރޯ މޯލް ގައި ކަމަަށް އެ ލުންފުނިން ބުންޏެވެ.

ގުޅީފަޅު ކަސްޓަމަރުންގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ހައުސިން ޔުނިޓު ލިބޭ އެހެން ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އާބަންކޯއިން ބުންޏެވެ.

މީގެ އިތުރަށް އެންޑް ޔޫޒާ އަދި ހައުސިން ޔުނިޓްތަކަށް ފުލް ޕޭމަންޓް ދައްކާފައިވާ ފަރާތްތަކަށް ޔުނިޓް ސެލެކްޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިހާތަނަށް 128 ޔުނިޓެއް އެ ފަރާތްތަކުން ނަގާފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ. އަދި އާންމުނަށް ހުޅުވާލައިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދިގު މުއްދަތަށް ބަހާލައިގެން އެންޑް ޔޫޒާ މޮޑެލަށް ފައިސާ ދައްކާ ފަރާރްތަކުގެ ފައިނޭންޝަލް އިވެލުއޭޝަން ފަށައި އެ ފަރާތްތަކަށް ޔުނިޓު އިހްތިޔާރުކުމުގެ މަރުހަލާ އަންނަ ހަފްތާތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް ބުންޏެވެ.

ވިނަރެސް ހައުސިން ޔުނިޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރަން މިހާރު ފަށާފައިވާއިރު އަންނަ ޖުލައި މަހުގެ ތެރޭގައި ވެރިފަރާތާ ޔުނިޓު ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވިނަރެސް ފްލެޓަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއެކެވެ.