ބޭރު ގައުމުތަކުގައި ތިބި ބަންގްލަދޭޝް މީހުން އެ ގައުމަށް ފައިސާ ފޮނުވުމުން އެ ގައުމުގެ ސަރުކާރުން ދޭ ރެމިޓެންސް އިންސެންޓިވް ބޮޑުކުރަން ވިސްނަމުންދާ ކަމަށް އެ ގައުމުގެ ޕްލޭނިން މިނިސްޓަރު އެމްއޭ މަންނާން ވިދާޅުވެއްޖެ އެވެ.
ބަންގްލަދޭޝްގެ އާބާދީގެ ބޮޑު ބައެއް ބޭރު ގައުމުތަކުގައި މަސައްކަތު މީހުންގެ ގޮތުގައި އުޅެމުންދާއިރު އެ މީހުން ގައުމަށް ފޮނުވާ ފައިސާގެ އަދަދުގެ 2 ޕަސެންޓް ސަރުކާރުން އިތުރަށް ދެ އެވެ. އެ އަދަދު ބޮޑުކުރަން ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް އެ ގައުމުގެ ޕްލޭނިން މިނިސްޓަރ ވިދާޅުވި އެވެ.
""ރެމިޓެންސް އަށް ދޭ އިންސެންޓިވް ބޮޑުކުރަންވީ 2.5 ޕަސެންޓް ނުވަތަ 3 ޕަސެންޓް ނުވަތަ 3.5 ޕަސެންޓަށްތޯ މަޝްވަރާ ކުރަމުން އެބަދޭ،" ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި އެކްނެކް ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަންނާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު އޮތް ދެ ޕަސެންޓަށް ވުރެ އިންސެންޓިވް އިތުރުކޮށްފިނަމަ އިގްތިސާދީ ގޮތުން ކުރާނެ އަސަރު ސަރުކާރުން ބަލަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!