ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ ހަވާލުވާނެ މީހަކު ނެތުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާފައިފިއެވެ.

މިއަދުގެ ޖަލްސާ އަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގެ ގަރާރު އިއްވުމަށް ތާވަލުކޮށްފައެވެ.

Ad
rt

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިފައިވާތީ، މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ރައީސް ކަމަށެވެ.

އެހެންނަމަވެސް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވާތީ، ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު އަންގަވާފައިވާ ކަމަށެވެ.

އީވާގެ މައްސަލަ މިއަދު އެޖެންޑާކޮށްގެން ފެށިއިރު ގަވާއިދުގައިވާ ގޮތުން އެ ޖަލްސާގެ އިންތިޒާމްތައް ހަމަޖައްސަންޖެހެނީ އާންމު ކޮމެޓީންނެވެ. އެކަމަކު އެ ކޮމެޓީ ފުރިހަމަ ކުރާނެ ގޮތަކަށް ޕާޓީތަކަށް އެއްބަސްނުވެވިގެން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކާނެ މެމްބަރުންނާއި ވަގުތު ގަވާއިދުގައި ބުނާ ގޮތަށް ކަނޑައަޅާފައެއްނުވެއެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރިޔާސަތު ނުބަލަހައްޓަވާނަމަ، ދެން ރިޔާސަތު ބަލަހައްޓާނެ މެންބަރަކު މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ޖެހެއެވެ.