ހދ. މަކުނުދޫ އިން 73 ބަންޑާރަ ގޯތި ދޫކުރަން ހުޅުވާލައި މިއަދު ފޯމު ދޫކުރަން ފަށައިފިއެވެ.
މަކުނުދޫން ދޫކުރަން ނިންމާފައި ވަނީ 2000 އަކަފޫޓްގެ ގޯތި ތަކެކެވެ. އެކަމަށް ކަނޑައަޅާފައިވާ އުސޫލަށް ފެތޭ، ޝަރުތު ހަމަވާފަރާތްތަކުން އެ 73 ގޯއްޗަށް ކުރިމަތިލުމަށް މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މަކުނުދޫ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.
މަކުނުދޫން ގޯތި ދޫކުރާނެ އުސޫލު ކަނޑައަޅައި، އެރަށު ކައުންސިލުން އެކުލަވާލި އުސޫލުގައިވާގޮތުން މަކުނުދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމުން ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތް ކުރުމަށް ބަންޑާރަ ގޯތި ދޫކުރުމުގައި އަމަލު ކުރެވެނީ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި އިންސާފުވެރިކަމާއި ހައްގުތައް ކަށަވަރު ކުރުމާއެކު ގޯތި ދޫކުރެވެނީ މަކުނުދޫގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން އެންމެ ޒަރޫރީވެފައިވާ އަދި ބިމިުގެ ތަނަވަސްކަން ކުޑަ ފަރާތްތަކަށްކަން ކަށަވަރު ކުރުމަކީ އެ އުސޫލުގެ މަގުސަދެވެ.
މަކުނުދޫ އިން 2000 އަކަފޫޓުގެ 73 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމާފައިވާއިރު، އެކުލަވާލި އުސޫލުގައި ވަނީ ވިލަރެސް ކޮމެޓީއެއް އެކުލަވާލާނެ ކަމަށް ވެސް ބުނެފައެވެ. އެ ކޮމެޓީގައި 5 މެމްބަރުންނާއި 9 ނުވަ މެމްބަރުންނާ ދެމެދުގެ އޮނަހިރި އަދަދެއްގެ މެމްބަރުން ހިމެނުމަށް ވަނީ ނިންމާފައެވެ.
އެގޮތުން އެ ކޮމެޓީގައި އެރަށު ކައުންސިލުގެ ދެ މެމްބަރުންނާއި އާންމު ރައްޔިތުން ތަމްސީލުކުރާ މެމްބަރަކާއި ކައުންސިލުގެ ޖެނެރަލް ސެކްރެޓަރީ ޖެނެރަލް އަދި އޭނާ ކަނޑައަޅާ މަކުނުދޫ ކައުންސިލުގެ މުވައްޒަފެއް ހިމެނުމަށް ވަނީ ނިންމާފައެވެ. އަދި އެރަށު ޑަބްލިއުޑީސީ ގެ މެމްބަރަކާއި ސްކޫލް، ހެލްތު ސެންޓަރ އަދި ފެނަކަ ހިމެނޭހެން އެ މުވައްސަސާ ތަމްސީލު ކުރާނެ މެމްބަރެއް ހިމެނުމަށް ނިންމާފައި ވެއެވެ.
ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ކިބައިގާ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި ގޯތި ދޫކުރުމަށް އިއުލާން ކުރާ ދުވަހާއި ހަމައަށް މީލާދީގޮތުން 18 އަހަރު ފުރިހަމަވެފައިވުމާއި ބަންޑާރަ ގޯއްޗެއް ނުވަތަ ބިމެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ހިމެނެއެވެ.
މީގެ އިތުރުން ރާއްޖޭގެ އެއްވެސް ރަށަކުން ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ ސަރުކާރުން އިންތިޒާމުކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓެއް ނެތުން ވެސް ހިމެނެއެވެ. އަދި ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ލިބިފައި ނެތުން ވެސް ހިމެނެއެވެ.
ހަމަމިއާއެކު އެއްމެދު އިމާރާތުގެ ފްލެޓެއް ލިބިފައި ނުވަތަ އަމިއްލަ ނަމުގައި ރަޖިސްޓްރީވެފައިވާ މީހަކު ކަމުގައި ނުވުން ވެސް ހިމަނާފައި ވެއެވެ.
ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ލިންކް:
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!