ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ މަޖިލިހުގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތު މިއަދު ހެކިބަސް ދީފި އެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވަނިކޮށް ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަހުމަދު ކްރިކް ރިޒާ އާއި ސަން ކުންފުނިން ބައިވެރިކޮށްގެން ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން ޒިޔަތު މިއަދު ވިދާޅުވީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ ލިއުންތަކުގައި ސޮއި ކުރައްވާފައިވާނެ ކަމަށާއި އެ މުއާމަލާތާއި ގުޅިގެން މިނިސްޓްރީގެ ފަރާތުން ވާހަކަ ދެއްކެވީ އޭރު ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ކަމަށެވެ. އެ ރަށް ކުއްޔަށް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ޔާމީނު ދަންނަވައިގެންކަމަށް ވެސް އަދީބުއާ ހަވާލާދީ ޒިޔަތު ވިދާޅުވި އެވެ.
ފޯނު ކޯލާއި މެސެޖު މެދުވެރިކޮށް އެ ވާހަކަތައް ދެކެވުނު ކަމަށާއި، އެކަމާ ގުޅޭ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވާކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ. އެ ބައްދަލުވުންތަކުގައި އަދީބާއި ކްރިކް ރިޒާގެ އިތުރުން އިތުރު ފަރާތްތައްވެސް ބައިވެރިވެވަޑައިގެންނެވިކަމަށް ޒިޔަތު ވިދާޅުވިއެވެ.
ޒިޔަތު ވިދާޅުވީ ފުރަތަމަ 2.5 މިލިއަން ޑޮލަރަށް ރަށުގެ އަގު ކަނޑައެޅީ އަދީބު ކަމަށާއި ފަހުން ކްރިކް ރިޒާ މެދުވެރިއަކަށްވެގެން އެ ރަށުގެ އަގު 4 ލައްކަ ޑޮލަރަށް ކުޑަކުރަން ނިންމި ކަމަށެވެ. ނަމަވެސް އަނެއްކާވެސް އެ އަގު މާ ކުޑަކަމަށް އަދީބު ވިދާޅުވުމުން ރަށުގެ އަގު 1.55 މިލިއަން ޑޮލަރަށް ބަދަލުކުރި ކަމަށް ޒިޔަތު ވިދާޅުވިއެވެ.
ޒިޔަތު ވިދާޅުވި ގޮތުގައި ކްރިކް ރިޒާގެ އެކައުންޓަށް ޖަމާވާން ޖެހޭ ފައިސާތަކެއް ޖަމާނުވާތީ އޭނާގެ އެދުމުގެ މަތިންކަމަށް ރަށުގެ އެއްބަސްވުމުގައި ސޮއިކުރުން ފަސްކުރި އެވެ. އެއީ ކްރިކް ރިޒާ މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުން އޭނާއަށް ލިބެންޖެހޭ ޕޭމަންޓުކަމަށް ޤަބޫލު ކުރެވޭކަމަށް ޒިޔަތު ވިދާޅުވިއެވެ.
ފަހުން އެ ޕޭމަންޓް ދިނުމުން އެގްރީމަންޓުގައި ސޮއިކުރުން ކުރިއަށް ދިޔަކަމަށް ޒިޔަތު ވިދާޅުވިއެވެ. އަދި އެއީ ޔާމީނަށް ލިބެންޖެހޭ ފައިސާތަކެއް ކަން އަދީބާއި ކްރިކް ރިޒާގެ ފަރާތުން އެނގުނު ކަމަށް ޒިޔަތު ވިދާޅުވި އެވެ.
ދައުލަތުން ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވަނީވެސް ރިޝްވަތު ދިނުމުގައި މެދުވެރިއަކަށް ވުމުގެ ކުށުގެ ދައުވާއެވެ.
އޭގެ އިތުރުން، މި ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތް އަވަސް ކޮށްދިނުން އެދި ހުދު ޔާމީނުވެސް މެސެޖު ކުރެއްވިކަމަށް ޒިޔަތު ވިދާޅުވިއެވެ.
ޒިޔަތު ވިދާޅުވީ އެހެން ރަށްރަށުގެ ކަނޑައެޅުމުގެ ކަންކަމުގައި ޔާމީނު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެގޮތަށް އިރުޝާދު ދެއްވަނީ ޔާމީނުގެ ބައިވެރިވުން ހިމެނޭ ރަށްތަކުގައިކަމަށް ޤަބޫލު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގައި ހެކިބަސް ނެގުމުގެ މަރުހަލާ އަދިވެސް ކުރިއަށް ގެންދާނެ އެވެ.
ޔާމީން މިހާރު ޖަލުގައި ހުންނެވީ ވ. އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެންނެވެ. އެ މައްސަލާގައި އެމަނިކުފާނަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. މި މައްސަލަ އޮތީ މިވަގުތު ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!