ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގައިގެން ދައުލަތަށް 1.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައިފިއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ޓެކްސް ނޫން އެހެނިހެން ފީތަކުން ލިބިފައިވަނީ 220 މިލިއަން ރުފިޔާއެވެ. ޕްލާސްޓިކް ކޮތަޅުން ލިބުނު އާމްދަނީއަކީ ފީތަކުން ލިބުނު އާމްދަނީގެ 0.50 ޕަސެންޓެވެ.

Ad
rt

މިއަހަރުގެ އޭޕްރީލް 18 ވަނަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާ ގެ ފީއެއް ނަގަން ފަށާފައިވާއިރު، ކުނި މެނޭޖުކުރުމާއި ބެހޭ ގާނޫނަށް ވެސް ވަނީ އިސްލާހު ގެނެސްފައެވެ. މި ގެނައި އިސްލާހަށް އަމަލުކުރަން ފެށުމާ އެކު ވިޔަފާރިކުރުމުން ފިހާރަތަކުން ދޭ ކޮތަޅުން ވެސް ވަނީ ފީ ނަގަން ފަށާފައެވެ.

އާންމުން، ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދު ކުރުމުގެ ބޭނުމުގައި ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާއެކު، ކުރިން ފިހާރަތަކުން ހިލޭ ލިބުނު ޕްލާސްޓިކް ކޮތަޅު މިހާރު ވިޔަފާރިތަކުން ވަނީ ވިއްކަން ފަށާފައެވެ.

ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގި ނަމަވެސް އެ ފީ ދައްކަން ނުޖެހޭ ގޮތްތައް ވެސް ކުނި މެނޭޖުކުރުމާ ގުޅޭ ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

އެގޮތުން ބަންދު ނުކޮށް ހުންނަ ހުރިހައި ބާވަތެއްގެ ތާޒާ މަސް ވިއްކާ ނަމަ އެ އަޅަން ބޭނުން ކުރާ ކޮތަޅުން ފީއެއް ނުނެގޭނެއެވެ. އެހެންވެ މާރުކޭޓުންނާއި އެ ނޫން ގޮތްގޮތަށް ވެސް ބަންދުނުކޮށް ހުންނަ މަހުގެ ބާވަތްތައް ގަންނަ ނަމަ އެ ތަންތަނުން ކޮތަޅުން ފީއެއް ނުގެނޭނެ އެވެ.