ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ހުއްޓާލައިފިއެވެ.

މިއަދުގެ ޖަލްސާ ހުއްޓާލާފައިވަނީ ޖަލްސާގެ ރިޔާސަތު ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާ ހަވާލުކުރުމުން އެމްޑީޕީ މެންބަރުން ނުރުހުން ފާޅު ކުރަން ފެށުމުންނެވެ.

Ad
rt

މިއީ މަޖިލިސް ޖަލްސާތައް ކުރިއަށް ނުގެންދެވި ވިދިވިދިގެން ހުއްޓާލަން ޖެހުނު ތިން ވަަނަ ފަހަރެވެ.

މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރުމުގެ ދެ ގަރާރެއް މަޖިލީހަށް ލިބިފައިވާތީ، އެ ގަރާރުތަކާ މެދު ގޮތެއް ނިންމަންދެން އެ ދެ ބޭފުޅުން ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާތީ، މަޖިލީހުގެ ގަވާއިދުގެ ދަށުން ރިޔާސަތު ބެލެހެއްޓެވުމަށް ހަސަން އަފީފަށް ދަންނަވާ ކަމަށެވެ.

އަމީން އާންމު މިފަދައިން އެދިލެއްވުމުން އަފީފް ރިޔާސަތާ ހަވާލުވެވަޑިގެން މަޖިލިސް ފެއްޓެވިނަމަވެސް، އޭނާ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ބައެއް މެންބަރުން ވަނީ މަޖިލިސް ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފައެވެ.

އެގޮތުން ގިނަ މެމްބަރުންތަކެއް ނިޒާމީ ނުކުތާ ނަންގަވައި ރިޔާސަތަށް ފާޑުކިޔައި، އަޑުގަދަކޮށް، އަފީފަށް ނިސްބަތްކޮށް ނަންނަމުން ގޮވާ، ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅަމުން ގެންގޮސްފައިވާތީ ރިޔާސަތުން ވަނީ މަޖިލިސް ޖަލްސާ ނިންމަވާލައްވާފައެވެ.