ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތޮށްޖެހުން ކުޑަކުރުމަށް އެއާޕޯޓަށްދާ މީހުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކޮށްފިއެވެ.
އެ އިދާރާ އިން ވިދާޅުވީ މިއަހަރު ގިނައަދަދެއްގެ ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާތީ، ޓްރެފިކް ތޮއްޖެހުން ބޮޑުވާނެކަމަށް ބެލެވޭ ކަމަށެވެ. އަދި ފުރަން އެއާޕޯޓަށްދާ މީހުން އެކަމަށް ސަމާލުވެ، ކުރިއާލައި ފުރުމުގެ އިންތިޒާމްތައް ނިންމުމަށް އިލްތިމާސް ކުރާކަމަށެވެ.
މީގެ އިތުރުން އެއާޕޯޓުގައި ޓްރެފިކް ތޮއްޖެހުން ކުޑަ ކުރުމަށް އިތުރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ހައްޖަށް ފުރަންދާ މީހުން ފިޔަވައި އެކި ބޭނުންތަކުގައި އެއާޕޯޓުން ފުރަމުންދާ މީހުންނަށް ވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުން އެކަށީގެންވާ ކަމަށާއި ހައްޖުވެރިންނާއި އެހެނިހެން ބޭނުންތަކުގައި ފުރަންދާ މީހުން ވެސް ވަގުތު އޮއްވައި އެއާޕޯޓަށް ގޮސް ފުރުމުގެ އިންތިޒާމް ދުރާލައި ނިންމުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ފުލުހުން ވިދާޅުވީ މި ދުވަސްތަކުގައި ދަތުރުކުރާ މީހުންނަށް ކުރިމަތިވެދާނެ އުނދަގޫތައް ކުޑަ ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ފުލުހުންގެ އޮފިސަރުން ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ދޭ ކަމަށާއި ހައްޖުވެރިން ފުރުވުމަށް ދާ، ގާތްތިމާގެ މީހުން ވެސް ފުލުހުންގެ އޮފިސަރުންގެ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށް އެދޭ ކަމަށެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕު މިއަދު ހަވީރު 3:10 ގައި ފުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ފުރާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ 290 ހައްޖުވެރިންނެވެ.
ޖުމްލަ 6 ފްލައިޓަކުން ހައްޖުވެރިން ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، އެ ފްލައިޓްތައް އޮންނާނީ މި ޖޫން މަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހެވެ.
ސައުދީ ސަރުކާރުން މި އަހަރު ރާއްޖެއަށް ދީފައިވަނީ 1000 ކޯޓާއެވެ.
މިއަހަރުގެ އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާނީ ނައިބު ރައީސް ފައިސަލް ނަސީމު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!