ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޓީފުޅެއް ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއަށް ފޮނުއްވައިފިއެވެ.

އެ ސިޓީފުޅުގައި ވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވާތީ، ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

Ad
rt

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ސޮއި ކުރައްވާ ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށާއި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ އިޚްތިޔާރު ލިބޭ ކަމަށެވެ.

ރިޔާސަތު ބެލެހެއްޓުމުން އެއްކިބާވީ ނަމަވެސް މަޖިލީހުގެ ގަވާއިދުގައި ބަޔާން ކުރާ މިންވަރުގައި މަޖިލީހުގެ އެންމެހައި ކަންކަން ހިންގުމުގައި ދެމިހުންނަވާނެ ކަމަށާއި މައްސަލަ ހިންގަމުންދާއިރު، އަމީންއާންމުގެ މަސްއޫލިއްޔަތަކާއި ވާޖިބުތަކަށް ކުޑަކޮށް ވެސް ހުރަސް އެޅޭ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހުން ވަކި ކުރުމަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެމަނިކުފާނު ވަކި ކުރަން ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮއާއެކުއެވެ. ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީން ފާސްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 42 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ އިއްތިފާގުންނެވެ.