ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ދިވެހިންގެ އިތުބާރު ވަނީ ގެއްލިފައި ކަމަށާއި އެ ޕާޓީ މިހާރު ހިންގަނީ ވަގުންގެ ނެޓްވޯކަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ތުހުމަތު ކުރައްވައިފިއެވެ.
'ދަ ޑިމޮކްރެޓްސް' އިން ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ އެމްޑީޕީގެ ކުރީގެ ހަރުގެ ހޯދުމަށް އެމްޑީޕީން ގާނޫނުތަކާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރުމަށް މަސައްކަތް ކުރިކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ.
އިންތި ވިދާޅުވީ އެމްޑީޕީގެ ކުރީގެ ހަރުގެ ހޯދަން ވެރިފަރާތުން އެދުމުން އެކަން ހުއްޓުވަން ކޯޓު އަމުރަކަށް އެދުނު ކަމަށާއި އެފަދަ އަމުރެއް ނެރެ ނުދިނުމުން ސިއްރިއްޔާތުގައި ވެސް ކޯޓު އަމުރެއް ނެރެދިނުމަށް އެމްޑީޕީން ކޯޓަށް ދިޔަކަމަށް އިންތި ވަނީ ތުހުމަތު ކުރައްވާފައެވެ.
އޭނާ ވިދާޅުވީ މި އަމަލުން އެކަނި ވެސް އެމްޑީޕީގެ މިހާރުގެފެންވަރު އެނގިގެން ދާ ކަމަށެވެ.
ރައީސް ނަޝީދުގެ ސިޔާސަތުތަކާއި ގުޅޭ ގޮތުން އިންތި ވިދާޅުވީ އެ މަނިކުފާނުގެ ސިކުނޑިފުޅު ބޭނުން ކުރައްވާނީ ރާއްޖެއަށް އިންގިލާބީ ބަދަލާއި ތަސައްވުރު ގެންނަވަން ކަމަށެވެ. އަދި ކަރާމާތުގެ ދުލި އެލުވަައިގެން ސެލްފީ ނެންގެވުމަށް ނޫން ކަމަށެވެ.
މީގެ އިތުރުން ރައީސް ސާލިހަށް "ތަބަކުން ވެރިކަން ހޯއްދަވައި ދެއްވައި" މަޖިލީހަށް މެންބަރުން ހޮވުމަށް މުޅި ގައުމުގައި ނަޝީދު ދަތުރު ކުރައްވައިގެން އެމްޑީޕީއަށް ސުޕާ މެޖޯރިޓީ ހޯއްދަވައި ދެއްވީމައި ވެސް ގޮއްވާލީ ބޮމެއް ކަމަށް ވެސް އިންތި ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!