"ނޫސްވެރިކަމުގެ އިނާމު 2022" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ މި އިނާމު ދިނުމުގެ މައިގަނޑު މަގުސަދު ތެރޭގައި ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމުގެ ގޮތުން އިނާމު ދޭނެގޮތުގެ ކަންކަން ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު، ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުން ހިމެނެއެވެ.

Ad
rt

އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތަކުގެ ތަފްސީލު "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" ގައި ވަނީ ބަޔާންކޮށްފައެވެ.

އިނާމަށް ނަން ހުށަހަޅާ ފޯމާއި އަދި މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތައް، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ކުރެވުނު އިއުލާން" އާއެކު ވަނީ އާންކޮށްފައެވެ.

މި އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 02 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 1 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

އިނާމު ދިނުމަށް ކަނޑައަޅާފައިވަނީ ނޫސްމަޖައްލާ ކެޓަގަރީ އަދި ބްރޯޑްކާސްޓިން ކެޓަގަރީ ހިމެނޭހެން 12 ދާއިރާއަކަށެވެ.

"ނޫސްވެރިކަމުގެ އިނާމު 2022" ދޭ ދާއިރާތަކުގެ ތެރޭގައި ތަޙްޤީޤީ ނޫސްވެރިކަން، ދެމެހެއްޓެނިވި ތަރައްޤީ އާއި އިޖުތިމާޢީ ދާއިރާ، ސިޔާސީ، ޝަރުޢީ އަދި ޤާނޫނީ ދާއިރާ ހިމެނެއެވެ. އަދި ވިޔަފާރިއާއި އިޤުތިޞާދު، ކުޅިވަރު، ފޮޓޯ ޖާރނަލިޒަމް، ވީޑިއޯ ޖާރނަލިޒަމް ވެސް ހިމެނެއެވެ.

މީގެ އިތުރުން ގްރެފިކްސް އާއި އިލެސްޓްރޭޝަންސް އާއި ފީޗަރ ރިޕޯޓާއި އުންމީދީ ނޫސްވެރިޔާ އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު ވެސް ހިމެނެއެވެ.