"ދަ ޑިމޮކްރެޓްސް" އަށް ސޮއިކޮށްފައިވާ މީހުންނަށް ސަރުކާރުން ބިރު ދައްކަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ، ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ "ދަ ޑިމޮކްރެޓްސް" ގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

Ad
rt

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ އުފައްދަވާފައިވާ އެ ޕާޓީއަށް ސޮއި ކޮށްފައިވާ މެމްބަރުންނަށް ސަރުކާރުން ބިރު ދައްކާ ކަމަށް ބުނެ، އެ މައްސަލަ ހުށަހަޅުއްވަން ހަސަން ވަނީ އިއްޔެ ވެސް މަސައްކަތް ކުރައްވާފައެވެ.

އެހެންނަމަވެސް މަޖިލީހުގެ ނިޒާމް ގެއްލި، ޖަލްސާ މެދުކަނޑައިލުމުގެ ސަބަބުން އެކަން ނުވީއެވެ.

ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށަހަޅުއްވަމުން ހަސަން ވިދާޅުވީ، "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް މި މަހުގެ ފުރަތަމަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީން ހުށަހެޅި ފޯމުތަކުގައިވާ މައުލޫމާތު ސަރުކާރުން ވަގަށް ހޯދައި، އެ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ އަށް ސޮއިކުރި މީހުންނަށް ބިރު ދައްކަމުންދާ ކަމަށެވެ.

އެގޮތުން ސަރުކާރުގެ އެކި އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ކުންފުނިތަކުގެ ވެރިން ވެސް މީހުންނަށް ބިރު ދައްކަމުންދާ ކަމަށް ހަސަން ވަނީ ތުހުމަތ ކުރައްވާފައެވެ.

އެގޮތުން އެ ޕާޓީ އަށް ސޮއިކުރި މީހުންނަށް ގުޅައި، ގޯތި ނުވަތަ ފްލެޓަށް ހުށަހަޅާފައިވޭތޯ، ނުވަތަ ދަރިފުޅު ސްޓޫޑެންޓް ލޯނަށް ލާފައިވޭތޯ ސުވާލުކުރާ ކަމަށާއި، ސަރުކާރު ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ނަމަ، ޑިމޮކްރެޓްސް އަށް ކޮށްފައިވާ ސޮއި އަނބުރާ ނެގުމަށް އަންގާ ކަމަށް ވެސް އެ މައްސަލަ ހުށަހަޅުއްވަމުން ހަސަން ވަނީ ވިދާޅުވެފައެވެ.

އެ މައްސަލަ އަށް ބަހުސްކުރަން ވޯޓަށް އެހުމުން، 33 މެންބަރުންގެ އިއްތިފާގުން ފާސްވީ އެ މައްސަލަ އަށް ބަހުސްކުރަން ފާސް ނުވާ ކަމަށެވެ. މައްސަލަ އަށް ބަހުސްކުރަން ވޯޓު ދެއްވީ 16 މެންބަރުންނެވެ.

"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ މިދިޔަ މަހުގެ 24 ގައެވެ. އެ ޕާޓީ ރަޖިސްޓްރީކުރުމަށް ބޭނުންވާ 3،000 މެންބަރުން ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.