ދަ ޑިމޮކްރެޓިކްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފަށްދަން ހުށައެޅި ފޯމުތަކުގެ މައުލޫމާތު ލީކުވެފައެއް ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓިކްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފަށްދަން ހުށައެޅި ފޯމުތަކުގެ މައުލޫމާތު ލީކުވެ، އެ ފޯމުތައް ފުރި މީހުންނަށް ސަރުކާރުން ޕްރެޝަރ ކުރަމުންދާކަމަށް ދަ ޑިމޮކްރެޓިކްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފަށްދަން ހުށައެޅި އިސްބޭފުޅުން އަންނަނީ ތުހުމަތު ކުރަށްވަމުންނެވެ.

Ad
rt

އެ މަޢުލޫމާތު އީސީ ތެރޭން ސަރުކާރަށް ފޯރުކޮށްދީފައިވާ ކަމުގެ ތުހުމަތު ދަ ޑިމޮކްރެޓިކްސް އުފެއްދުމުގެ މަސައްކަތުގައި އުޅުއްވާ ބޭފުޅުން ކުރައްވަމުން ގެންދަވާތީ، އީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެކަން ދޮގުކުރައްވާފައެވެ.

އީސީގެ ބަޔާނުގައި ވިދާޅުވީ، ދަ ޑިމޮކްރެޓިކްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފަށްދަން ހުށައެޅި ފޯމުތަކުގެ މައުލޫމާތު އެ ކޮމިޝަނުން ލީކުވުން ފަދަ ކަމެއް ހިނގާފައި ނުވާނެކަމަށެވެ.

“މިފަދަ އެއްވެސް ކަމަކީ މި ކޮމިޝަންގެ ތެރޭގައި ހިނގާފައިވާ ކަމެއް ނޫނެވެ. އަދި މިފަދަ ޢަމަލެއް މި ކޮމިޝަންގެ އެއްވެސް މެންބަރަކު ނުވަތަ މުވައްޒަފަކު ހިންގާފައި ނުވާކަމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ދަންނަވަމެވެ.” އީސީން ވިދާޅުވެފަވެއެވެ.

އީސީގެ މި ބަޔާނުގައި ވަނީ، ރިޔާސީ އިންތިޚާބަށް އެ ކޮމިޝަނުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި އެ ކޮމިޝަނާއި، ކޮމިޝަންގެ މެންބަރުންނާއި އަދި މުވައްޒަފުންނަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލޭގޮތަށް އެއްވެސް ފަރާތަކުން އެ ކޮމިޝަނާ މަތިކޮށް އެފަދަ އެއްވެސް ވާހަކައެއް ނުފެތުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.