ފެނަކަ ކޯޕަރޭޝަންގެ މިހާރުގެ މެނޭޖްމަންޓުން އެ ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ބިރެއް ނުދައްކާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ފެނަކައިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިހާރަކަށް އައިސް، ބައެއް ނޫސްތަކުން ފެނަކައިގެ ނަން ބޭނުންކޮށް، އެއްވެސް އަސާސެއް ނެތް ޚިޔާލީ ވާހަކަތައް އުފައްދައި ޝާއިއު ކުރަނީ އެ ކުންފުންޏަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ މަގުބޫލު ބްރޭންޑަކަށް ވުމުން، އެކަމުގެ ފައިދާ ނަގައި ނޫސް ކިޔުންތެރިން އިތުރުކުރުމުގެ ހީލަތްތެރި އުކުޅެއްގެ ގޮތުގައިކަމަށެވެ. އެހެންވެ، އެކަމަށް ސަމާލުވެލެއްވުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން އެފަދަ ކަންކަން ކުރާ ފަރާތްތަކުން، އެ ފަރާތްތަކާއި މުޖުތަމައަށް ފައިދާ ހުރި ބޭނުންތެރި މަސައްކަތްތަކެއް ކުރުމަށް، ލިބިފައިވާ ވަގުތާއި ވަސީލަތްތައް ބޭނުންކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
17 ނޮވެމްބަރު 2018 އިން ފެށިގެން ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުން ކަމަށް ދެކިގެން މަސައްކަތް ކުރާކަން ފާހަގަކޮށް ފެނަކައިން ބުނީ މުވައްޒަފުންނަށް ބިރުފިލައިތިބެ ހާސްކަމެއް ނެތި ވަޒީފާ އަދާކުރެވޭނެ ފަހި މާހައުލެއް ގާއިމްކޮށްދީ، އަނެކުންގެ މިނިވަންކަމާއި ހައްގުތަކަށް އަރައިނުގަނެ އަމިއްލައަށް ލިބިފައިވާ ހައްގުތައް ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަރު ތަނަވަސްކޮށް ހުޅުވައިދީ ކަށަވަރު ކޮށްދީފައިވާނެ ކަމަށެވެ.
އެއްވެސް ހާލެއްގައި އެ ހައްގުތަކަށް ހުރަސް އަޅައި، މުވައްޒަފުންނަށް ބިރުދެއްކުމަކީ ކުންފުނީގެ އަދުގެ މެނޭޖްމަންޓް ދަންނަ، ނުވަތަ ބޭނުންކުރާ ފަލްސަފާއެއް ނޫންކަމަށްވެސް ފެނަކައިން ބުންޏެވެށ އަދި ކުންފުނީގެ ވަކިވަކި މުވައްޒަފުން ފާޅުކުރާ ޚިޔާލާއި ޝުއޫރާއި ބުނާ ބުނުމަކީ، ކުންފުނީގެ މެނޭޖްމަންޓުގެ ބަސް ނުވަތަ ކުންފުނިން ދެކޭގޮތް ނޫންކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
މި ސަބަބުތަކާހުރެ އެއްވެސް އަސްލެއް އަދި އަސާސެއް ނެތި، ކުންފުނީގެ މެނޭޖްމަންޓާއި ކުންފުނީގެ އަގު ވައްޓާލައި ނަން ކިލަނބުކުރުމަށް ކުރާ ނާކާމިޔާބު މަސައްކަތް ހުއްޓާލުމަށް، ފެނަކައިން އިލްތިމާސްކުރެއެވެ. އަދި ފެނަކައިގެ ނަން ބޭނުންކޮށްގެން ފައިދާ ހޯދުމަށް ވިސްނަވާނަމަ، ރިވެތި އަހުލާގާއި ސުލޫކުގެ ތެރެއިން އެކަމަށް މަގު ހޯދުމަށް ވެސް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!