ވައްކަމުގެ ތުހުމަތު ކުރެވުނު މީހެއްގެ އަތުން ފުލުހުން އަތުލި 25,000 ރުފިޔާ ހަތް އަހަރު ފަހުން އަނބުރާ އޭނާއާ ހަވާލުކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
އއ. މަތިވެރީ އިރަމާގޭ, އާދަމް ޝަރީފްގެ އަތުން 25,000 އަށް ވުރެ ގިނަ ރުފިޔާ ހިފައިގެން ދަނިކޮށް މަގުމަތިން އޭނާ ހުއްޓުވައި އެ ފައިސާ ފުލުހުން އަތުލާފައިވަނީ އެލްބިއަން ސްޓޯރުން އޭނާ ވައްކަން ކުރި ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލާގައި އެ މީހާގެ މައްޗަށް ކުރި ވައްކަމުގެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.
އެ ފައިސާ ދޭން ފުލުހުން ދެކޮޅު ހަދާތީ އެ މައްސަލަ އާދަމް ޝަރީފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އެ މީހާ އަތުން ފެނުނު ފައިސާއަކީ އެލްބިއަން ސްޓޯރުން ވަގަށް ނެގި ފައިސާ ކަމަށް މަދަނީ މިންގަނޑު ބަލާއިރު ނުބެލެވޭ ކަމަށެވެ. އަދި އެ ފައިސާއަކީ އޭނާގެ އެއްޗެއް ނޫން ކަމަށް ބެލެވޭނެ ސަބަބެއް ނެތް ހުކުމުގައި ބުނެފައިވެ އެވެ.
ސިވިލް ކޯޓުން ފުލުހުންނަށް އެންގީ 10 ދުވަސް ތެރޭގައި އެ ފައިސާ އެ މީހާއާ ހަވާލު ކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!