ބަޔޮސްފިއަރ ރިޒާވްއަކަށް ވުމުގެ ބޭނުމަކީ. ތަރައްޤީ ހުއްޓުވުމެއް ނޫން ކަމަށާއި ދެމެހެއްޓެވިނިވި ތަރައްޤީގެ މިސާލު ދެއްކުން ކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ބ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 2021-2022 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ޝައުނާ ވިދާޅުވީ ބ.އަތޮޅުގެ ކަނޑާއި ފަރުތަކަށް ލިބިފައި އޮތް ޤުދުރަތީ މުއްސަނދިކަން އެގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭވަރުގެ ދަރިވަރުންތަކެއް ބިނާވާން ޖެހޭ ކަމަށެވެ. އަދި މިހާރުގެ ދަރިވަރުން މިކަން ނުކޮށްފިނަމަ އަންނަން އޮތް ޖީލުތަކަށް މިތަންތަން ރައްކާތެރިކަމާއެކު ނުގެންދެވޭނެ ކަމަށެވެ.

މީގެ އިތުރުން މިކަންކަމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެކަމަނާ އިލްތިމާސް ކުރެއްވިއެވެ.

"މިކަން ޙާޞިލްކުރުމަށް ބ. އަތޮޅުގެ ރައްޔިތުންނާއި ދަރިވަރުންނަށް އުނދަގޫތަކެއް ކުރިމަތި ނުވާނެ. ތިމާވެށީގެ ކަންކަމަށް ހޭލުންތެރި މުޖުތަމައެއް އޮތް އަތޮޅަކުން ރާއްޖޭގެ އެހެން އަތޮޅުތަކާއި މުޅި ދުނިޔެއަށް ވެސް މިކަމުގައި މިސާލު ދެއްކިދާނެ. ރީތި މާހައުލުތައް ހިމާޔަތްކޮށްގެންވެސް ތަރައްޤީ ކުރެވިދާނެކަން މުޅި ދުނިޔެއަށްވެސް ދެއްކުން، ބ. އަތޮޅުގެ ރީތިކަން ދެމެހެއްޓޭނެ އެކަން ހާސިލު ކުރުމަށް ތިޔަ ދަރިވަރުންނަށް އިލްތިމާސްކުރަން" ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ ތިމާވެށީގެ މުއްސަނދިކަން ދެމެހެއްޓުމަށް އިންގިލާބީ ބަދަލަކާ ހަމައަށް ވާސިލުވެވެން އަންނަނީ ކިޔަވާކުދިން ކުރިއަށް ނިކުމެގެން ކަމަށާއި ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލު ނެރެވޭނީ ދިވެހިންނަށް ކަމަށެވެ. އެހެންކަމުން މިއަދު ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ ޒިންމާ މިކަންކަމުގައި ވަރަށް ބޮޑުކަން ޝައުނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ހަމަމިއާއެކު މުރަކައިގެ ފަރުތައް ތާއަބަދު އެގޮތުގައި ކަނޑުއަޑީގެ ރީތި ބަގީޗާތަކެއްގެ ގޮތުގައި ދެމިއޮންނާނެ ގޮތްތައް ދިރާސާކޮށް ހޯދަންޖެހޭ ކަމަށާއި ފަތުރުވެރިކަމާއި މަސްވެރިކަން ދަމަހައްޓައިގެން ނޫނީ ގައުމުގެ އިގުތިސާދު ބިނާކުރެވެން ނެތް ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.