ޑިޕޮސިޓް ފައިސާ ޓެނެސްސީ ބޯޑަށް ނަގާ އެޕާޓްމެންޓެއްގައި ދިރިއުޅެވޭނެ މީހުންގެ އަދަދު ކަނޑައަޅަންޖެހޭ ގޮތަށް "ދިރިއުޅުމައްޓަކައި ގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލް"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށައަޅާފައެވެ.

ދިރިއުޅޭ ތަންތަން ކުއްޔަށް ދޫކުރާއިރު އެކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް "ޓެނެންސީ ބޯޑު" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ބޯޑެއް އެކުލަވާލަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވާއިރު އެ ބޯޑުގައި ހިމެނެނީ ތިން މެމްބަރުންނެވެ. ބޯޑަށް މެމްބަރުން އައްޔަނު ކުރާނީ މިނިސްޓަރު ނަން ފޮނުވުމުން ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ.

Ad
rt

ޓެނެންސީ ބޯޑުން ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ދިރިއުޅުމައްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމުގެ ކަންކަން ރާއްޖޭގައި ހިނގާ ގޮތަށް ބަލައި އަހަރަކު އެއްފަހަރު ރިޕޯޓެއް އެކުލަވާލުމާއި ދިރިއުޅެ ތަންތަނުގައި ހުންނަން ޖެހޭ އަސާސީ މިންގަނޑު ކަނޑައެޅުންވެސް ހިމެނެ އެވެ.

  • ކުއްޔަށް ދޭ ތަންތަން އިންސްޕެކްޓްކޮށް ގާނޫނާހިލާފުނަމަ ފިޔަވަޅު އެޅުން
  • ކުއްޔަށް ދޭ ތަންތަނުގައި އިސްލާހުކުރަންޖެހޭ ކަންކަން ނުކުރާނަމަ، ކުއްޔަށް ދިނުމަށް ދޫކުރާ ހުއްދަ ހިފެހެއްޓުން
  • ކުއްޔަށް ދޭ ތަންތަނުގެ ދަފްތަރެއް އެކުލަވާލައި ޝާއިއުކުރުން
  • ކުއްޔަށް ދޫކުރާ ތަންތަނާއި ގުޅިގެން ހުށަހެޅޭ ޝަކުވާ ބަލައި، މީހުން ހާޒިރުކޮށް ސުވާލުކޮށް ފިޔަވަޅު އެޅުން
  • ކުއްޔަށް ދޭ ތަންތަނުގެ ސެކިއުރިޓީ ޑިޕޮސިޓް ބެލެއްހެއްޓުން

މިހާރުވެސް ކުއްޔަށް ދޭ ތަންތަނުން އެޑްވާންސް ފައިސާގެ ގޮތުގައި ބޮޑެތި އަަދަދުތަކުން ނަގަމުން ދާއިރު އެ ނަގާ އަދަދު ކޮންޓްރޯލްކުރެވޭ ގޮތަށް ބިލުގައި މާއްދާއެއް ވަނީ ހިމަނާފަ އެވެ. ބިލުގައި ބުނެފައިވާގޮތުން އެންމެ ގިނަ ވެގެން ޑިޕޮސިޓް ފައިސާގެ ގޮތުގައި ނެގޭނީ ދެ މަސް ދުވަހުގެ ކުއްޔެވެ. އަދި ފައިސާ ޖަމާ ކުރަން ޖެހޭނީ ޓެނެންސީ ބޯޑު ހުޅުވާފައި ހުންނަ ހާއްސަ އެކައުންޓަކަށެވެ. ކުއްޔަށް ހިފާތަން ދޫކޮށްލުމުން އެ ފައިސާ ދޫކުރާނީވެސް ޓެނެންސީ ބޯޑުންކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ކުއްޔަށް ދޭ ތަންތަނުގައި ހުންނަންޖެހޭ އަސާސީ މިންގަނޑު ވަނީ އެ ބިލުގައި ކަނޑައަޅާފަ އެވެ. އެގޮތުން ކުއްޔަށްދޭ ތަނުގެ އަކަފޫޓުގެ ނިސްބަތުން ގިންތިކުރެވި އެތަނުގެ ކުޑަބޮޑުމިނަށް ބަލައި އެތަނެއްގައި އެންމެ ގިނައިން ދިރިއުޅެވޭނެ މީހުންގެ އަދަދު ކަނޑައަޅަން ޖެހޭނެކަމަށް ބުނެފައިވެ އެވެ. ގިންތި ކުރާނީ އެ ގާނޫނުގެ ދަށުން ހަދާ ގަވައިދަކުން ކަމަށް ވަނީ ބުނެފަ އެވެ.

ދިރިއުޅުމައްޓަކައި ކުއްޔަށް ދޫކުރާ ތަންތަނުގެ އަސާސީ މިންގަނޑު ނުވަތަ އެހެންވެސް ކަމެއް ކަނޑައަޅާ ގާނޫނެއް މިހާރަކު ނޯވެ އެވެ.

ބިލުގައި ވާގޮތުން ކުއްޔަށް ދޭ ތަންތަނުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ލިބުމުގެ ވަސީލަތްތައް ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަށް ގާއިމުވެފައި ހުންނަން ޖެހޭނެ އެވެ. އަދި ކުއްޔަށް ދޭ ތަނަކީ އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއްނަމަ އެތަނަށް އެހެން އިމާރާތެއްގެ ބައެއް ބޭނުން ކުރުމެއް ނެތި އަދި އުނދަގޫ ކަމެއް ނެތި ވަކިން ވަދެ ނުކުމެވޭނެ ފަދަ އިންތިޒާމެއް ހަމަޖެހިފައިވާން ވާނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ކުއްޔަށް ދޭ ތަނަކީ އިމާރާތްކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ އިމާރާތެއްގެ ބަޔަކަށް ވާންވާނެކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ތަނުގައި ނިދައި ކައިބޮއި ހެދޭނެ ވަސީލަތްތައްވެސް ހުންނަންޖެހޭ ކަމަށް ބިލުގަައި ވަނީ ބުނެފަ އެވެ.

ދިރިއުޅުމަށް ތަނެއް ކުއްޔާ ދޫކުރެވޭނެ ގޮތްތަކާއި ހާލަތްތައް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން ކުއްޔަށް ދިން އިރު ހަދާފައިވާ އެއްބަސްވުމާ ކުއްޔަށް ހިފި ފަރާތުން ހިލާފުވާ ހާލަތެއްގައި އެގްރިމެންޓް ބާތިލުކުރެވޭނެކަމަށް ބިލުގައި ވަނީ ބުނެފައެވެ. އެކަމަކު ބާތިލުކުރެވޭނީ އެގްރިމެންޓާ ހިލާފުވެއްޖެކަމަށް ލިޔުމުން ނޯޓިސް ދީގެން ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި އެއްބަސްވުމާއި ހިލާފަށް ކޮށްފައިވާ ކަންކަންވެސް ބަޔާންކުރަން ޖެހޭނެކަމަށް ބުނެފައިވެ އެވެ.

ކުއްޔަށް ދޭ މުއްދަތު ހަމަނުވަނީސް ދެން ތަނުން ނެރެވޭނީ އަމިއްލަ ބޭނުމަށް ބޭނުންކުރުމަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެގޮތުން ކުއްޔަށް ދޭ ތަނުގައި މަރާމާތަކާ ނުލާ މީހަކަށް ދިރިއުޅެވޭނެ ވަރު ނުވުމާއި، ކުއްޔަށް ދޭ ފަރާތުން އަމިއްލައަށް އުޅެން ބޭނުންވުން ހިމެނެ އެވެ.

އޭގެ އިތުރުން ކުއްޔަށް ދޫކުރާ ފަރާތުގެ މައިންބަފައިން، އަނބިމީހާ، ފިރިމީހާ ނުވަތަ ދޮންދަރިން ދިރިއުޅެން ބޭނުންވެގެން އެއްބަސްވުން ބާތިލުކޮށް ތަން ހުސްކުރަން އެންގޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. ނުވަތަ އެހެން ފަރާތަކަށްތަން ވިއްކާލަންޖެހިގެންވެސް ތަން ހުސްކުރަން އެންގޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެގޮތަށް އެއްބަސްވުން ބާތިލުކޮށް ކުއްޔަށްދީފައިވާ މުއްދަތު ހަމަނުވަނީސް ތަނުން ނެރެވޭނީ ތިން މަސް ދުވަހުގެ ނޯޓިހެއް ދީފައިކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

އަމިއްލަ ބޭނުމަކަށް ކަމަށް ބުނެ އެއްބަސްވުން ބާތިލުކޮށް ތަނުން މީހުން ނެރުމަށް ފަހު އެއް އަހަރު ދުވަހުގެ ތެރޭގައި އެތަން އެހެން ފަރާތަކަށް ކުއްޔަށް ދީފި ނަމަ ނުވަތަ އެ ނޫން ބޭނުމަކަށް ބޭނުންކުރާ ކަމުގެ ޝަކުވާ ޓެނެންސީ ބޯޑަށް ހުށަހެޅިއްޖެ ނަމަ އެކަމެއް ބެލުމަށް ފަހު 50،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ކުއްޔަށް ދޫކުރާއިރު އެގްރިމެންޓް ހަދާނެ ގޮތާއި، އެ އެގްރިމެންޓްގައި ހިމަނަންޖެހޭ ކަންކަންވެސް ތަފްސީލުކޮށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ. އެހެންމަވެސް ކުލި ކޮންޓްރޯލް ކުރެވޭނެ އެއްވެސް މާއްދާއެއް ބިލުގައި ހިމަނާފައެއް ނުވެ އެވެ. އާންމުންގެ އެންމެ ބޮޑު ޝާކުވާއަކީ މާލޭގައި ކުލި އަތްނުފޯރާ ފަށަށް ދިޔުމެވެ.

ދިރިއުޅުމައްޓަކައި ގޯތު ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރެވެ.

މަޖިލީހުގެ މިދިޔަދައުރުގެ އެންމެ ޖަލްސާގައި ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ. އެ ބިލުގައި ވާގޮތުން އޭގެ ބޭނުމަކީ ކުއްޔަށް ދޫކުރާ ފަރާތާއި ކުއްޔަށް ހިފާ ފަރާތުގެ ހައްގުތައް ކަށަވަރު ކުރުމެވެ. އަދި ކުލީގެ މައްސަލާގައި އުފެދޭ ދެބަސްވުންތައް އެ ގާނޫނުގެ ދަށުން ހައްލުކުރުން ކަމަށްވެސް ބުނެފައިވެ އެވެ.

އެ ބިލުގައި ބުނެފައިވާގޮތުން ރާއްޖޭގައި ދިރިއުޅުމައްޓަކައި ކުއްޔަށް ދިނުމަށް ހުއްދަދޭ އެންމެހާ ތަންތަނުގެ ދަފްތަރެއް "ޓެނެންސީ ބޯޑު"ގެ ނަމުގައި އެ ބިލުގެ ދަށުން އެކުލަވާލާ ބޯޑަކުން ބަލަހައްޓަން ޖެހޭނެ އެވެ. އަދި އެ ދަފުތަރު ބަލަހައްޓަން ޖެހެނީ ސިޓީއެއްގައި ސިޓީ ކައުންސިލުންނެވެ. އަދި ރަށެއްގައިނަމަ ރަށު ކައުންސިލުންނެވެ.

ބިލު ދިރާސާކުރުމަށް ފޮނުވާފައި ވަނީ މަޖިލީޙުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށެވެ. މަޖިލީސް ދައުރު ނިންމައި ޗުއްޓީއަށް ގޮސްފައިވާއިރު ބެލެވޭ ގޮތުން އެ ބިލުގެ މަސައްކަތް ކުރިއަށް ގެންދާނީ ފެށޭ ދައުރުގަ އެވެ.