މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމަށް ނިންމި ނިންމުން މަޑުޖެއްސުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.
އެ ކޮމިޝަނުން މިކަން ހާމަކުރީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވުމުން، ދެ ވަނަ ނޯޓިސްއެއް ވެސް ދިނުމަށް ފަހުއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި އެމްއާރުއެމަށް ފުރަތަމަ ނޯޓިސް ދިނީ 2022 ގައެވެ. ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން ތިން މަސް ދިން ޕާޓީތަކުގެ ތެރޭގައި އޭރު އެމްއާރުއެމް ހިމެނުނަސް މިދިޔަ ޖޫން މަހުގެ ތެރޭގައި މެމްބަރުން ހަމަކޮށްފައިވާތީ، ޕާޓީ އުވުމުގެ ބިރު އޭރުވަނީ ފިލާފައެވެ.
އެ ޕާޓީއަށް މެމްބަރުން ހަމަކުރުމަށް ދެވަނަ ފަހަރަށް ނޯޓިސް ދީފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އަދި އެ ނޯޓިސްގެ މުއްދަތު ހަމަވެފައިވަނީ މި މޭ މަހުގެ 17 ގައެވެ.
ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ، ގާނޫނަކުން 2005 ގައި ދިނުމުން މައުމޫން އެންމެފުރަތަމަ އުފެއްދެވީ ޑީއާރުޕީ އެވެ. އެހެންނަމަވެސް އެ ޕާޓީގެ ހިންގުމުގައި، އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާއެކު ޕާޓީ ބައިބައިވެ، ޕީޕީއެމް އުފެއްދެވިއެވެ.
އެހެންނަމަވެސް ޕީޕީއެމް ވެސް ދޫކޮށްލައި، އެމްއާރްއެމް އުފައްދަން ޖެހިވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު އުފެދުނު މައްސަލަތަކުގެ ތެރެއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!