ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާމލާފައިވާ މަނަދޫ ނައީމާ މޫސާގެ މަރުގެ މައްސަލައިގާ މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުުހުންގެ ޚިދުމަތުން ވިދާޅުވީ އެ މައްސަލައިގާ އެ އިދާރާއިން ހިންގާ ތަހުގީގަށް ތިން ވަނަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކުރީ މާލެ އިން މިރޭ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މާލޭގައި އުޅުނުު މަނަދޫގެ ޒުވާން ފިރިހެނެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެއީ ނައީމާ މަރާލިއިރު، އެރަށުގައި ހުރި މީހެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެނގިފައިވާ ގޮތުގައި، ނައީމާ މަރާލި ރޭ ރަށުގައި ދުއްވީ މިރޭ ހައްޔަރުކުރި ޒުވާނާގެ ކާރެކެވެ. މައްސަލައިގެ ތުހުމަތަށް ފުރަތަމަ ހައްޔަރުކުރި ދެ މީހުން ލައްވައި އެ ކާރުގައި ފުލުހުން އެ ރޭގެ ބައެއް މަންޒަރުތައް ތަހުގީގުގެ ބޭނުމަށް ވަނީ ކުޅުވާފައެވެ.
ތިން ވަނަ މީހަކު ހައްޔަރުކުރިއިރު، މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ކޯޓުގައި ވަނީ ނައީމާ މަރާލި ކަަމަށް އެއްބަސްވެފައެވެ.
ނައީމާގެ މަރުގެ ތުހުމަތަށް މީގެ ކުރިން ހައްޔަރުކޮށްފައިވަނީ އަހްޒަމް އަބްދުއްޝަކޫރު އާއި ރިފާޝް އެވެ. މި ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރުމާއި ވިއްކުމުގެ ތުހުމަތު އޮތް ދެ މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!