ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން 11 ވަނަ ފަހަރަށް ބަޔާން މިއުނިކުން ކާމިޔާބު ކޮށްފިއެވެ.
ޖަރުމަނު ލީގުގެ ފަހު މެޗުތަކަށް ނުކުތްއިރު ޗެމްޕިއަންކަ ހޯދުމުގެ ފުރިހަމަ ބާރު އޮތީ ޑޯޓްމަންޑަށެވެ. މިރޭ މައިންޒް ބަލިކޮށްގެން ލީގު ކާމިޔާބު ކުރެވެން އޮތް ނަމަވެސް މައިންޒްއާއި ދެކޮޅަށް ޑޯޓްމަންޑް ކުޅުނު މެޗު 2-2 އިން އެއްވަރުވެ، ދެވަނާގައި އޮތް ބަޔާން މިއުނިކް 2-1 ގެ ނަތީޖާއިން ކޮލްން އަތުން މޮޅުވުމުން ލީގުގެ ޗެމްޕިއަންކަން ބަޔާންއަށް ވަނީ ލިބިފައެވެ.
ބަޔާން އަށް ލީގު ޗެމްޕިއަންކަން ލިބިފައި ވަނީ ލަނޑުގެ ތަފާތުންނެވެ. މިރޭ ނަތީޖާތަކަށް ފަހު ޑޯޓްމަންޑާއި ބަޔާން އަށް ވެސް ލިބިފައި ވަނީ 34 މެޗުން 71 ޕޮއިންޓެވެ. ނަމަވެސް ބަޔާން ފައިދާ ގޯލު މާ ބޮޑަށް ވެސް ޑޯޓްމަންޑަށް ވުރެ އޮތީ އިތުރު ކޮށެވެ.
މިރޭ ޑޯޓްމަންޑާއި މައިންޒް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި މައިންޒް އިން ވަމީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 15 ވަނަ މިނެޓުގައި އޮލްސެން ކާމިޔާބު ކޮށްދިން އިރު ދެވަނަ ލަނޑު 24 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އޮނީސިވޯއެވެ.
ޑޯޓްމަންޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގައި ޖެހި ލަނޑުތަކުންނެވެ. ޑޯޓްމަންޑްގެ ފުރަތަމަ ލަނޑު 69 ވަނަ މިނެޓުގައި ގުއެރޭރޯ ކާމިޔާބު ކޮށްދިން އިރު ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ވެސް ފަހު ވަގުތު ކާމިޔާބު ކޮށްދީފައި ވަނީ ސޫލޭ އެވެ.
މިރޭ ކޮލްން އާއި ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން ވަނީ މެޗުގެ ބޮޑުބައެއްގައި ލީޑު ކޮށްފައެވެ. މެޗުގެ 8 ވަނަ މިނެޓުގައި ބަޔާންއަށް ލީޑު ނަގައިދިނީ ކިންގްސްލީ ކޮމަންއެވެ. އެ ނަތީޖާގައި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނެޓަށް ވަންދެން އޮތެވެ. ކޮލްން އަށް ނަތީޖާ އެއްވަރު ކޮށްދިން ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ހިބިސިކް އެވެ. ބަޔާން މެޗުގެ ނަތީޖާ އެއްވަރު ވުމާއެކު ޑޯޓްމަންޑްގެ ދަނޑުގައި ތިބި ޑޯޓްމަންޑް ސަޕޯޓަރުން އަޑުގަދަކޮށް އުފާފާލުކުރަން ވެސް ފެށިއެވެ. ސަބަބަކީ ޑޯޓްމަންޑް ބަލިވި ނަމަވެސް ބަޔާން އަށް މޮޅު ނުވެވިއްޖެނަމަ ޑޯޓްމަންޑަށް ލީގު ޗެމްޕިއަންކަން ލިބޭނެތީއެވެ.
މެޗުގެ ތަފާތަކަށް ވީ 85 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރި އެއްގެ ގޮތުގައި ކުޅެން ނުކުން އުމުރުން 19 އަހަރުގެ ޖަމާލް މުސިއާލާއެވެ. އޭނާ ވަނީ މެޗުގެ ފަހު މިނެޓުގައި އޭރިއާ ބޭރުން ލިބުނު ބޯޅަ ގޯލުގެ ދުރުކަނަށް ވައްދާލައިގެން ބަޔާން މޮޅުކޮށްދީ ލީގު ޗެމްޕިއަންކަން ކަށަވަރު ކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!