އެންމެންގެ ސަލާމަތަށްޓަކައި މަރުގެ އަދަބު ތަންފީޛުކުރަން ޖެހޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީގެ ރިޔާސީ ޓިކެޓް އޭނާ އަށް ހަވާލުކުރުމަށް މާލޭ އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ނާޒިމް ރޭ ދެއްކެވި ވާހަކާގައި ވިދާޅުވީ، މިއަދު އަޅުގަނޑުމެންގެ ތެރޭގައި އިންސާނާގެ ފުރާނައަކީ އެއްވެސް އަގެއްހުރި އެއްޗެއްނޫން ކަމަށެވެ.

މަރުތަކުގެ ހިތާމައަކީ ހަމައެކަނި، ހުވަފަތްވާ އަނބިންނާއި، ޔަތީމުވާ ދަރިންނާ، އެކަނިވާ މައިންބަފައިންގެ ހިތާމަޔަކާއި ކަންބޮޑުވުމަކަށް ވެނިމިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

‘’ދައުލަތުގެ ޖިނާޢީ ޢަދުލުގެ ނިޒާމަށް އިތުބާރުނުކުރެވޭނޭ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ މަރު ކޮމިޝަނެއް އުފެއްދެވި. ހުސްވަނީ ޚަޒާނާ. އިތުރުވަނީ ދަރަނި. ވަޒީފާ ލިބެނީ ގާތްމީހުންނަށް. މައްސަލައަށް ޙައްލެއް ނުލިބޭ ތާނގައި ލިބޭނޭ ދުވަހެއް ބުނެދޭންވެސް ނޭނގޭ.’’ ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ވެސް އެއް ވެސް ސަރުކާރަކަށް ހައްލު ނުވި ބޮޑު މައްސަލައެއް ކަމަށެވެ. އަދި ޑްރަގް ރެހެބިލިޓޭޝަންއަކީ ރާއްޖޭގައި އެއްވެސް ގޮތަކަށް ކާމިޔާބުކުރެވުނު ކަމަކަށްނުވި ކަމަށް ވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ދަތި އެތައް މަރުޙާލައެއް ކަޑައްތުކުރުމަށްފަހު، އެތަކެއް މަސައްކަތުން ކުށް ސާބިތުކުރެވޭ މީހާއަކީ، ސިޔާސީ ބާރުވެރިކަމެއް ކިރިޔާވެސް އޮތް މީހެއްނަމަ، ފަސޭހަގޮތަކުން ރައީސުލްޖުމްހޫރިއްޔާގެ މަޢާފު ލިބޭ ކަމަށެވެ.

“މިދައުރުގައި، އެންމެ ފުރަތަމަ މިގޮތަށް ދޫކޮށްލެއްވީ ކުޑަކުއްޖެއްގެ ޙުރުމަތްކަނޑާފައިވާ މީހެއް. މިދިޔަ ހަފްތާގައި ދޫކޮށްލެއްވީ މީހަކު މަރާފައިވާ މީހެއް. އޭގެ ކުރީ ހަފްތާގައި މަސްތުވާތަކެތި ބޮޑެތި ޢަދަދުން އެތެރެކޮށްފައިވާ މީހެއް. ޢަދުލުގެ ނިޒާމް ބެލެހެއްޓުން ދޯހަޅިވެގެން ގޮސް މިހާރު މިއޮތީކުށްކުރާ މީހުންގެ އަތަށް ސަރުކާރު ދާހިސާބުގައި.”ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ރައްޔިތުން ނިކުމެ އިންސާފު ހޯދަނީ އަމިއްލައަށް ކަމަށާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގައި، މިއަށްވުރެބޮޑަށް ޤައުމެއް ފޭލްވާނޭ ގޮތެއް ބުނެދޭކަށް ނޭނގޭ ކަމަށެވެ.

މިއީ އެއްގޮތަކަށްވެސް ޤައުމެއްގައި ދިރިއުޅެވޭނޭ ގޮތެއް ނޫން ކަމަށާއި، ޢަދުލުއިންޞާފުގެ ނިޒާމް ނަގާ ކޮޅަށް ޖަހައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން އެބަޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވިގޮތުގައި، އަދަބުތައް ތަންފީޛުކުރެވޭނޭ ގޮތެއް ހަދައި، ކުށުގެ ބާވަތުން އަދަބު ކަނޑައަޅައި، އަފްޢާމް ނުދެވޭނޭ ކުށްތައް ކަނޑައެޅެންޖެހޭ ކަމަށެވެ.

‘’ޖީލުތަކެއް އެކުގައި ހަލާކުވެގެންދާއިރު، 30 ކިލޯއިން 40 ކިލޯއިން މަސްތުވާތަކެތި ގެންނަ މީހާއަށް މަރުގެ އަދަބު ނުދެވޭންވީ ސަބަބެއްނެތް. އޮންނާކަށް ނުވެސްޖެހޭ. އެހެންކަމުންއެންމެންގެ ސަލާމަތަށްޓަކައި މަރުގެ އަދަބު ތަންފީޛުކުރަން ޖެހޭ.’’ ނާޒިމް ވިދާޅުވެފަވެއެވެ.