ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ ކަމަށް ރާއްޖޭގެ އިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް ގޮވާލައްވައިފިއެވެ.
އޭނާ މިފަދައިން ގޮވައިލެއްވީ އަލް-އަޤްސާ މިސްކިތަށް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އޯ.އައި.ސީ.ގެ މައި މަރުކަޒުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުން އޭނާ ވިދާޅުވީ އެ އަމަލުތަކަކީ އ.ދ.ގެ ސަލާމަތީ މަޖިލީހާއި ޢާއްމު މަޖިލީހުގެ ގަރާރުތަކާ ޚިލާފު އަމަލުތަކެއް ކަމަށެވެ. އަދި ވަނީ އެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
މީގެ އިތުރުން އިސްރާއީލުން ޣައްޒާގައި ޤަވައިދާ ޚިލާފަށް ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށް ވެސް ޚަލީލު ވަނީ ގޮވައިލައްވާފައެވެ.

ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރާއި ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރުއަޅާ، ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޚަލީލުގެ ތަގުރީރުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަބަދު ވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!