އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާ ޖަލުގައި އޮވެ ނަފްސާނީ ހާލަތު ގޯސްވެފައިވާ ކަމަށް ބުނެ އޭނާގެ ފަރާތުން ޝަކުވާ ކުރިޔަސް, އޭނާގެ ބަންދަށް ލުޔެއް ނުދޭން ކޯޓުން މިއަދު ނިންމައިފި އެވެ.
2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު އެކަމުގައި ބައިވެރިވި ކަމަށް ބުނެ އައިޖީއެމްއެޗްގެ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ.
މާވިންއަކީ ވެސް އައިޖީއެމްއެޗްގެ އޭރުގެ ނަރުހެކެވެ. ދައުލަތުން އެ މީހުންނަށް ތުހުމަތުކުރަނީ މާވިން އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން މޭރީ މަރާލި ކަމަށް ބުނެ އެވެ.
މިއަދުގެ އަޑުއެހުމުގައި ލަމްހާގެ ވަކީލުން ވަނީ ޝަރުތުތަކާއެކު 100 ދުވަހަށް ލަމްހާ ބަންދުން ދޫކޮށްދޭން އެދިފަ އެވެ.
ވަކީލުން ވިދާޅުވީ ލަމްހާގެ ވަޒީފާ މިހާރު ގެއްލިފައިވާއިރު އަދި ޒުވާން އުމުރުގައި ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ހުންނަން ޖެހުމުން ނަފްސާނީ ކަންތައްތަކެއް އޭނާއަށް ކުރިމަތިވެފައިވާ ކަމަށެވެ.
އޭނާގެ ފަރާތުން މުޖްތަމައުއަށް މިހާރު ނުރައްކަލެއް ނެތް ކަމަށް ވަކީލުން ވިދާޅުވި އެވެ.
ދައުލަތުން ބުނީ ޝަރީއަތް ނިމެންދެން ލަމްހާ ބަންދުކުރީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތުމުން ކަމަށާާއި އެ ހާލަތު ބަދަލުނުވާ ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ މިވަގުތު ބަންދަށް ލުއި ނުދެވޭނެ ކަމަށެވެ. އެކަމަކު ލަމްހާގެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް، އެކަމާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިއުމުން އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ދެ ޑޮކްޓަރަކު ކޯޓުގައި މިއަދު ހެކިބަސް ދިނެވެ. އެ ދެ ޑޮކްޓަރުން ބުނިގޮތުގައި މޭރީގެ ހަށިގަނޑު މާވިން ގެނައިއިރު މޭރީ ދިރިހުރި ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ.
އޭގެ ތެރެއިން އެއް ޑޮކްޓަރަކު ބުނިގޮތުގައި މޭރީ ގެނައިއިރު އޭނާގެ މޫނު އޮތީ ދަނބު ކުލަ އަރައިފަ އެވެ. އެގޮތަށް އާންމުކޮށް ދިމާވާނީ ކަރުގައި ހިފައި، ނޭވާ ހާސްކުރުމުން ކަމަށް އެ ޑޮކްޓަރު ބުންޏެވެ. އަދި ދަންޖެހިފައި ހުރިކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށް އެ ޑޮކްޓަރު ބުންޏެވެ.
ދެވަނަ ޑޮކްޓަރު ބުނިގޮތުގައި މޭރީގެ މަރާ ގުޅޭގޮތުން މާވިންއާ ސުވާލު ކުރުމުން ގޭ ތެރޭގައި ހިނގި ޒުވާބަކަށްފަހު މޭރީ ދަން ޖެހުނީ ކަމަށް މާވިން ބުނި ކަމަށެވެ.
މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމުން އެތަނަށާއި އަދި މޭރީ އުޅުނު ގެއަށް ދިޔަ ފުލުހެއްގެ ހެކިބަސް ވެސް މިއަދު ނެގި އެވެ. އެ ފުލުސް މީހާ ބުނިގޮތުގައި އެދުވަހު މާވިންއާ ސުވާލު ކުރުމުން، މޭރީ އަމިއްލައަށް މަރުވީ ޒުވާބަކަށްފަހު މޭރީ އަމިއްލަ ނަފްސަށް ގެއްލުން ދޭން މަސައްކަތްކޮށް އަދި މާވިންއާ ދިމާލަށް އެއްޗެހި އުކަން ފެށުމުން އޭނާ ކޮޓަރިން ނިކުތް ވަގުތު ކަމަށް މާވިން ބުނެފައިވެ އެވެ. އަދި ޒުވާބު ފެށުނީ ގޭގެ ފާހާނާގެ އިސްކުރެއް ރަނގަޅު ނުކޮށް ހުރުމުން އެެކަމާ ރުޅި އައިސްގެން ކަމަށް މާވިން ބުނި ކަމަށް ވެސް އެ ފުލުސް މީހާ ބުންޏެވެ.
އެ ފުލުސް މީހާ ބުނިގޮތުގައި މޭރީ ދަންޖެހުނީ ބެޑްޝީޓެއް ބޭނުންކޮށްގެން، ކޮޓަރީގައި ހުރި ކުޑަ ދޮރެއްގައި ކަމަށް މާވިން ބުނެފައިވެ އެވެ. އަދި އެގެއަށް ދިޔައިރު އެ ކޮޓަރީގައި ބެޑްޝީޓަކާއި ކަތުރެއް ވެއްޓިފައި އޮތް ކަމަށާއި އަދި އެތަނުގައި ފެން ހުރި ކަމަށް ވެސް އެ ފުލުސް މީހާ ބުންޏެވެ.
އޭނާ ބުނިގޮތުގައި މޭރީގެ ހަށިގަނޑުގެ ދެތިން ތަނެއް މަށައިގެން ގޮސް ކުދި ޒަހަމްތަކެއް ހުއްޓެވެ. އަދި މާވިންގެ ހަށިގަނޑުން ވެސް ކުދި ޒަހަމްތަކެއް ހުއްޓެވެ. އެތަންތަން ފޮޓޯ ނެގި ކަމަށް އެ ފުލުސް މީހާ ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!