ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވަކިކުރައްވަން މަޖިލީހަށް ހުށަހަޅައިފިއެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައި މިވަނި 50 މެމްބަރުންގެ ސޮޔާއި އެކުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި ބުނާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށައެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން ޢަދަދެއްގެ މެންބަރުން ސޮޔާއެކުގައެވެ.
އެއީ މިހާރު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 87 މެންބަރުންގެ ތެރެއިން 22 މެންބަރުންގެ ސޮއެވެ.
@mvpeoplesmajlisގެ ނައިބު ރައީސް ގެ އިތުބާރުނެތްކަމުގެ މައްސަލަ @MDPSecretariat ޕާލަމެންޓްރީގުރޫޕުގެ ފަރާތުން 50 މެމްބަރުންގެ ސޮޔާއެކު ހުށައަޅާފި.
ރމ ޤަވާއިދުގެ 205 ވަނަ މާއްދާގައިވާގޮތުން ވޯޓުގައިބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ނައިބުރައީސް މަގާމުން ވަކިވާނެ. pic.twitter.com/YDdT3tVN2J— Mohamed Shifau (@mhshifau) May 23, 2023
ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް، އެމަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓާއެކު ފާސްވެގެންނެވެ. އެއީ 43 މެންބަރުންގެ ވޯޓެވެ. މިއީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރުން ހަމަވާ ޢަދަދެކެވެ. މަޖިލީހުގައި މިހާރު އެމްޑީޕީގެ 55 މެމްބަރުން ތިއްބަވައެވެ.
އީވާގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހަޅުއްވާފައިވާއިރު، ޗާގޯސް މައްސަލާގައި ބަންޑާރަ ނާއިބް އިބްރާހީމް ރިފްއަތާއި، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން ވަނީ މަޖިލީހަށް ވައްދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!