ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ޒަރީރަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ ކ. މާލެ / މއ. ނައިޓްވިލާ، އިބްރާހިމް އަބްދުﷲ (ގައްބަރޭ) އަމިއްލައަށް ފުލުހުންނަށް ހާޟިރުވެއްޖެއެވެ.

އޭނާ ހޯދަމުން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.

Ad
rt

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވެފައިވާ ކަމަށާއި އޭނާ މިހާރުހުރީ ފުލުހުންގެ ބަންދުގައި ކަމަށެވެ. އަދި އޭނާގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން މިއަދުޖަހާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މެންބަރު ޒަރީރަށް ހަމަލާދީފައިވަނީ މިދިޔަ އޭޕްރީލް 30 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ. އަދި ޒަރީރަށް ހަމަލާ ދީފައި ވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވޭ އެއްޗަކުންނެވެ.

މި ހަމަލާއާއިގުޅިގެން މެންބަރު ޒަރީރަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.

މި މޭ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ގައްބަރޭ ހޯދަން އިއުލާން ކުރީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުުނުކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ.