35 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހްމަދު، ސިފައިންގެ ޚިދުމަތުން ރިޓެއާ ކުރައްވައިފިއެވެ.
އޭނާ ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ރޭ ވަނީ ބަންޑާރަކޮށީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވަނީ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސިޓީފުޅާއި މެޑަލް ބޯޑު، ހަވާލުކޮށްދެއްވާފައެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ ސިޓީފުޅާއި ފޮޓޯ ބޯޑު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ.
މީގެ އިތުރުން ޢަބްދުލް މަތީން އަޙްމަދުގެ ރިޓަޔަރމަންޓްގެ ރަމްޒީ ކާރޑް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފެވެ.
1987 ވަނަ އަހަރުގެ ޖުލައި މަހުގެ 01 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާއި ގުޅިލެއްވުމަށްފަހު، މިވީ ދިގު މުއްދަތުގައި އޭނާ ވަނީ ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އަގުހުރި އިސް ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
އެގޮތުން ދިވެހި އަސްކަރިއްޔާގައި އެންމެ ގިނަ ދުވަހު ދިފާއީ ވުޒާރާގެ އިދާރީ އަދި ހިންގުމުގެ ދާއިރާގައި ހިދުމަތް ކޮށްދެއްވިއިރު، މާފުށީ ޖަލު ސެކިއުރިޓީ ބަލަހައްޓާ ޔުނިޓުގެ ކޮމާންޑަރުގެ މަޤާމާއި އޯޑިނެންސް ސާރވިސްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރގެ މަޤާމާއި ކޮމާންޑިންގ އޮފިސާރގެ އެހީތެރިއާގެ މަޤާމު ވެސް ވަނީ އަދާކުރައްވާފައެވެ. އަދި ކޮމިއުނިކޭޝަން އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ސަރވިސްގެ ކޮމާންޑިންގ އޮފިސާގެ އެހީތެރިއާގެ މަޤާމާއި ރީޖަނަލް ހެޑްކުއާޓަރސް ލ. ކައްދޫގެ ބޭސް ކޮމާންޑަރުގެ މަޤާމު ވެސް އަދާކުރައްވާފައި ވެއެވެ.
މީގެ އިތުރުން ޑިފެންސް މިނިސްޓްރީގެ ޕްރޮޓޮކޯލް އޮފިސަރުގެ މަޤާމާއި އެ މިނިސްޓްރީގެ ޕްރޮކިއުމެންޓް އޮފިސަރުގެ މަޤާމާއި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަޤާމުވެސް ވަނީ ފުރުއްވާފައެވެ.
އޭނާ ދިފާއީ ވުޒާރާގައި އަދާކުރައްވާފައިވާ މުހިންމު މަޤާމުތަކުގެ ތެރޭގައި، ސްޓާފް އޮފިސަރ ޓުދަ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، ޕްރިންސިޕަލް ޑައިރެކްޓަރ ޓްރޫޕްސް ވެލްފެއަރ އެންޑް ޕްރޮޓޮކޯލް، ޕްރިންސިޕަލް ޑައިރެކްޓަރ އޮފް ފޮރިންލިއެޒަން، ޕްރިންސިޕަލް ޑައިރެކްޓަރ އޮފް ޑައިރެކްޓްރޭޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕްރޭޝަން އެންޑް ޕޮލިސީ ހިމެނެއެވެ. އަދި ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރެލް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕްރޭޝަން އެންޑް ޕޮލިސީ، ޕްރިންސިޕަލް ސްޓާފް އޮފިސަރ ޓުދަ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ ވެސް ހިމެނެއެވެ.
ހަމަމިއާއެކު ޕްރިންސިޕަލް ސްޓާފް އޮފިސަރ ޓު ދަ މިނިސްޓަރ އޮފް ޑިފެންސް، ޑައިރެކްޓަރ ޖެނެރެލް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ މަޤާމު ވެސް ފާހަގަކޮށްލެވެއެވެ.
ދިވެހި އަސްކަރިއްޔާގައި އުފައްދަވާފައިވާ ބޯޑުތަކާ ކޮމެޓީތަކުގައި ވެސް ޢަބްދުލް މަތީން އަޙްމަދު ވަނީ ސިފައިންގެ ކުރިއެރުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.
ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވި އިރު ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދު ހުންނެވީ މިލިޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމުގައެވެ.
ސިފައިންގެ ޚިދުމަތުގައި ދިވެހި އަސްކަރިއްޔާގައި ކޮށްދެއްވާފައިވާ އިޚްލާސްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތަކާއި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 11 މެޑެއްޔާއި 12 ކުލަ ވަނީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދަށް ލިބިލައްވާފައެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ގެ ޖެނެރަލް އޮފިސަރުންނާއި، ޔުނިޓުތަކުގެ ކޮމާންޑަރުންނާއި ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދުގެ ޢާއިލާގެ ބޭފުޅުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!