ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީ އުފެެއްދުމުގެ ހުއްދައަށް މިއަދު އެދިއްޖެ އެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި މި ޕާޓީ ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅީ މިއަދު މެންދުރުފަހުއެވެ.

Ad
rt

ޕާޓީ ރަޖިސްޓަރީ ކުރުމުގެ ހުއްދައަށް އެދޭ ފޯމު ހުށަހަޅުއްވާދެއްވީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއެވެ. އެ ޕާޓީ އުފައްދަން ހުށަހެޅީ ވެސް ހަސަންގެ ނަމުގައެވެ.

އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން ބެލި މައްސަލައަކަށްފަހު އެ ޕާޓީގެ ޕީޖީ ގްރޫޕްގައި ހިމެނޭ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެ ޕާޓީން މި މަހުގެ 16 ވަނަ ދުވަހު ވަކިކޮށްފައިވަނިކޮށް، ޖެހިގެން އައި 17 ވަނަ ދުވަހު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ 12 މެންބަރަކު ވަނީ އެމްޑީޕީން ވަކިވެފައެވެ. ހަމަ އެދުވަހު ''ފިކުރެއްގެ ދިރުން'' ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ ޓީމުން އާ ޕާޓީއެއް އުފައްދަން މަސައްކަތްފެށިކަން ހާމަކޮށްފައެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ވެސް ބުނެފައެވެ.

ނަޝީދު އިސްވެ ހުންނަވާ އައު ސިޔާސީ ޕާޓީ އުފެއްދުމަށްޓަކައި އެމްޑީޕީ ދޫކޮށްލި މަޖިލިސް މެންބަރުންނާއި، އެ ޕާޓީގެ އިސް މީހުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި މުހައްމަދު ޝިފާޒް (ޝިއްޕެ) އާއި އެސްޓީއޯގެ ސީއީއޯ/އެމްޑީކަން ކުރެއްވި ހުސެއިން އަމްރު އާއި، އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބުދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އަދި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ހިމެނެއެވެ.

އިތުރު މެންބަރުން

  • ޔާސިރު އަބްދުއްލަތީފް / ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު
  • އިބްރާހިމް ރަޝީދު (ބޮންޑޭ) / މާފަންނު މެދު ދާއިރާގެ މެންބަރު
  • ހަސަން އަފީފް / ވިލުފުށި ދާއިރާގެ މެންބަރު
  • ހުސެއިން ފިރުޝާން / މަޑަވެލި ދާއިރާގެ މެންބަރު
  • މުހައްމަދު ރަޝީދު (ބޯދިގު) / މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު
  • ހަސަން ޝިޔާން /ތޮއްޑޫ ދާއިރާގެ މެންބަރު
  • އަހްމަދު ޒާހިރު /ގައްދޫ ދާއިރާގެ މެންބަރު

ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު އިސްވެ ހިންގަވާ "ފިކުރެއްގެ ދިރުން" ޓީމުން ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތްފެށިއިރު، އަންނަ ރިޔާސީ އިންތިޚާބުގައި ފިކުރެއްގެ ދިރުމުގެ ކެންޑިޑޭޓެއް ވާދަކުރާނެކަމަށް ވެސް ފިކުރެއްގެ ދިރުން ޓީމުން ވަނީ ބުނެފައެވެ.

އެ ޓީމުން ބުނެފައިވާގޮތުގައި އައު ޕާޓީއެއް އުފައްދަނީ އެމްޑީޕީގެ ފަލްސަފާ އަލުން ކުރިއެރުވުމަށެވެ.